ދ. ކުޑަހުވަދޫގައި ބިންހިއްކައި ބޮޑުކޮށްފައިވާ ބަނދަރާއި ތާރުއަޅައިގެން ކުޑަހުވަދޫގައި ހަދާފައިވާ ހަ މަގު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހުޅުއްވައިދެއްވައި، ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުވެ ނިމުން ފާހަގަކުރައްވައިފި އެވެ.

ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޑަހުވަދޫ އަށެވެ. އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަނީ ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބަނދަރު ސަރަހައްދަށް އެއްވެފަ އެވެ.

ކުޑަހުވަދޫގައި ހަ މަގެއް ތާރުއަޅައިގެން ޒަމާނީފެންވަރަށް ހަދާފައިވާއިރު 40 ހެކްޓަރުގެ ބިންވަނީ ހިއްކައި ބޮޑުކޮށްފަ އެވެ. ކުޑަހުވަދޫ މަގުތައް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެޓުގެ ދަށުން ހަމަގެއް މިހާރު ނިމިފައިވާއިރު އެ ރަށުގެ 13 މަގެއްގައި ތާރު އަޅާނެ ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ވަނީ ބުނެފަ އެވެ. އެއީ އެ ރަށުގެ ބަނދަރު ސަރަހައްދު ހިމެނޭ ގޮތަށް 6.3 ކިލޯ މީޓަރުގެ މަގެވެ.

ކުޑަހުވަދޫގައި ބިންހިއްކައި ބޮޑުކޮށްފައިވާ ބަނދަރާއި ތާރުއަޅައިގެން ކުޑަހުވަދޫގައި ހަދާފައިވާ ހަ މަގު ރައީސް ޔާމީން މިއަދު ހުޅުއްވައިދެއްވަނީ -- ފޮޓޯ ހައުސިންގ މިނިސްޓްރީ

ދ. އަތޮޅަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދޫއަށް ވަޑައިގެންފައިވާއިރު މާދަމާ އެމަނިކުފާނު އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ބިން ހިއްކުމާއި މާއެނބޫދޫ އާއި ބަނޑިދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުއްﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.