02 May 2016, 18:57
އުދައަރާ އަދި ވާރޭވެހިގެން ފެންބޮޑުވާ ރަށްތަކަށް ދިމާވާ ގެއްލުން ކުޑަކުރުމަށް ރާއްޖޭގެ ނުވަ ރަށަކަށް ބޭނުންވާ ފެން ހިންދާ ތަކެތި، ޔުނިސެފް މޯލްޑިވްސް ގެ ފަރާތުން ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)އާ ހަވާލުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔުނިސެފް އިން ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ރަށްތަކަށް ހަވާލުކުރާ ފެން ހިންދާ އާލާތްތައް ހަވާލުކޮށްފައެވެ.
ޔުނިސެފުގެ ފަރާތުން އެ ތަކެތި ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރާއި ހަވާލުކޮށްދެއްވީ ޔުނިސެފުގެ ފަރާތުން ސައުތް އޭޝިއާއަށް ކަނޑައަޅުއްވާފައިހުންނަވާ ރީޖަނަލް ޑިރެކްޓަރު ކަރިން ހުލްޝޮފް އެވެ. ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެއްލެވީ ޑިފެންސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ޒުހައިރެވެ.
ޑިޒާސްޓަރު މެނޭޖްމަންޓުގެ ސީނިއާ ޕްރޮގްރާމް އޮފިސަރު ފަރޫޝާ އަލީ ވިދާޅުވީ، އެ ޕްރޮގްރާމަކީ ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން މިދިޔަ އަހަރު އެކުލަވާލި ޕްރޮޕޯސަލް އެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
"ރާއްޖޭގައި އެބަހުރި ވާރޭވެހިގެންނާއި އުދަ އަރައިގެން ފެންބޮޑުވާ ރަށްތައް. އެގޮތުން ފަސް އަހަރުގެ ޑޭޓާ ބޭސްއަށް ބެލުމަށްފަހު އަދި ޔުނިސެފް ގައި ހުރި ރަށްތަކަށާއި ލިބޭ ގެއްލުމުގެ އިތުރުން ފެންބޮޑުވުމުގެ ސަބަބުން އެންމެ ނުރައްކާ އޮތް ރަށްތައް އަދި އާބާދީއަށް ބެލުމަށްފަހު ރަށްތައް ހޮވާފައިވަނީ. މިއީ ހުރިހާ ރަށެއް ނޫން،" ފަރޫޝާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ފެން ހިންދާ ތަކެތި ރައްކާކުރާނެ ޕަމްޕު ހައުސްތަކާއި ޕަމްޕުތައް އެއްތަނުން އަނެއްތަނުން އުފުލުމަށް ބޭނުންވާ ގާނޑިޔާ ހެދުމަށް އެންޑީއެމްސީ އިން ވަނީ ކައުންސިލްތަކަށް ފައިސާ ދީފައެވެ.
މިއީ ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ރަށްތަކަށް ފެން ހިންދާ ތަކެތި ހަދިޔާކުރި ފުރަތަމަ ފަހަރު ނަމަވެސް މީގެ ކުރިން ޔޫއެންޑީޕީގެ ފަރާތުން ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ފެން ހިންދާ ތަކެތި ހަދިޔާކޮށްފައެވެ.