02 May 2016, 16:10
ބަޢުދާދު (މޭ 2): އިރާގުގެ ވެރިރަށް ބަޢުދާދުގެ ތިން ސަރަހައްދެއްގައި ބޮން ގޮއްވާލައި ނުވަ މީހަކު މަރާލައިފި އެވެ.
ބޮން ގޮއްވާލުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވެފައިި ވަނީ ބަޣުދާދުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ސައިދިއްޔާ ޑިސްޓްރިކްޓަށެވެ. އެސަރަހައްދުގައި ގޮވި ބޮމުގެ ސަބަބުން ހަ މީހަކު މަރުވެ 18 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސަލާމަތީ ފައުޖުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް، އަނިޔާވި މީހުންނާއި މަރުވި މީހުން ހޮސްޕިޓަލަކަށް ގެންގޮސްފަ އެވެ.
ސައިދިއްޔާ ޑިސްޓްރިކްޓުގެ އިތުރުން ބޮން ގޮއްވާލާފައި ވަނީ ބަޢުދާދު ކައިރީ އޮންނަ ތަރުމިއާ އާއި ހަލީސާގަ އެވެ. އެހަމަލާތަކުގައި ތިން މީހަކު މަރުވެ އަށް މީހަކު ޒަހަމްވި އެވެ.
ފާއިތުވި ހަފްތާތަކުގެ ތެރޭގައި ބަޢުދާދަށް ވަނީ ގިނަ އަދަދެއްގެ ޖާނުން ފިދާވުމުގެ ހަމަލާތައް ދީފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ބަޢުދާދު ކައިރީގައި ދިން ކާރު ބޮމުގެ ހަމަލާއެއްގައި 21 މީހަކު މަރުވި އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ. (އާރްޓީ)