ނ. ވެލިދޫއަށް އައި ބޯޓެއް ބަލައިފާސްކޮށް، ކެބެޖެއްގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ހޯދައިފި އެވެ.

މަސްތުވާތަކެތި ހޯދާފައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މަސްތުވާތަކެތި ފެނިފައި ވަނީ މާލެއިން ފުރައިގެން ވެލިދޫއަށް އައި ހުޅުދޫ ބޯޓެއް ބަލައިފާސްކުރިއިރު އެބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ކެބެޖްތަކުގެ ތެރެއިން ކެބެޖަކުންނެވެ.

އެ ކެބެޖުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފޮރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.