ތަފާތު އެކި މައްސަލަތަކުގައި ހުވަދު އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.

ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި އިއްޔެ ހެނދުނު ނައްތާލާފައި ވަނީ ހުވަދު އަތޮޅުގައި އޮންނަ ދެ އެއާޕޯޓުން ފަތުރުވެރިންގެ އަތުން އަތުލާފައިވާ ބަނގުރަލާއި އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޝަރީއަތުން އެ މައްސަލަތަކުގައި ހުކުމްކޮށް ޝަރުއީ މަރުޙަލާ ނިމިފައިވާ މައްސަލަތަކާ ގުޅުންހުރި ބަނގުރާ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން އިއްޔެ ނައްތާލި ބަނގުރަލަކީ ތަފާތު 21 މައްސަލައެއްގައި އެކި އަހަރު ތަކުގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެއްޗެވެ.

ހުވަދު އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުން -- ފޮޓޯ: ޕޮލިސް

އިއްޔެ ނައްތާލާފައިވަނީ 394 އެވިޑެންސެއްގައި ހިމެނޭ، އެކި ބްރޭންޑް ތަކުގެ 566 ރާފުޅި އާއި ދެ ދަޅެވެ. އެއީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 474 ރާ ފުޅި އާއި ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 91 ރާފުޅި އާއި ދެ ދަޅުގެ އިތުރުން ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ރާފުޅިއެއް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ބަނގުރާ ނައްތާލުން ވިލިނގިލީގައި ކުރިޔަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.