09 May 2011, 11:39
ޕާޓީއަށް ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށް ވިދާޅުވެ 2006 ވަނަ އަހަރު އެމްޑީޕީން ވަކެވެވަޑައިގެންނެވި އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ)، އަލުން އެ ޕާޓީއާ ރޭ ގުޅިވަޑައިގެންފި އެވެ.
އިބްރާ އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ އެޕާޓީން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި އެވެ. އިބުރާ ވިދާޅުވި ގޮތުގައި، ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ "ދިވެހި ރައްޔިތުން ފަށައިފައިވާ އިސްލާޙީ މަސައްކަތް ކުރިޔަށް ގެންދިއުމުގައި އިހުލާސްތެރިކަމާއެކު ބައިވެރިވާން" ކަމަށެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު އެސްއެލްޕީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައި ރައީސް ނަޝީދާ ދެކޮޅަށް 2008 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ވާދަކުރެއްވި އިބްރާ އިތުރަށް ވިދާޅުވީ، އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީގެ ހަގީގީ ބާރު ކަމަށެވެ. އަދި ހެޔޮގޮތުގައި ބެލެނިވެރިކަން އަދާކުރުމަކީ މަގު އޮޅިގެން ދިޔަ ނުދީ ދެން އޮތް ޖީލަށް އެ ޕާޓީ ގެންގޮސް ދިނުން ކަމަށް ވެސް އެމްޑީޕީގެ ފުރަތަމަ ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެޑްވައިޒަރުގެ މަގާމުވެސް މިހާރު ފުރުއްވަމުން ގެންދަވާ އިބުރާ ވިދާޅުވީ، އެއްވެސް ކަމެއްގެ ދެބައިކުޅަ އެއްބައި ކުރުމަކީ އޭނާގެ މިޒާޖެއް ނޫން ކަމަށާއި، ވީހާވެސް މުރާލިކަމާއެކު ކަންތައް ނިންމެވުމަށް ބޭނުންފުޅުވާ ކަމަށެވެ.
ރޭގެ ޖަލްސާގައި އިބުރާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން "ވެރިކަން ބޭނުމިއްޔާ ރައްޔިތުންނަށް ދުއްޕާން ކުރަން ނޫޅެ ރުއްސާން" ނުކުތުމަށް އިދިކޮޅު ފަރާތްތަކަށް އިބުރާ ގޮވައިލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ މާޒީގައި އެބައި މީހުން ފަތުރާފައިވާ އަނިޔާވެރިކަން ދެމެހެއްޓުމަށެވެ. އަދި ރައްޔިތުން އިދިކޮޅު ފަރާތްތަކަށް މަޖިލީހުން ފުރުސަތު ދިނުމުން އެފަރާތްތަކުގެ މަސައްކަތަކަށްވީ "މާޒީގައި ކޮނެފާހުރި ވަޅުތަކަށް ފަސްލާ ފޮރުވުން" ކަމަށާއި ޑީއާރުޕީން މަޖިލިސް މެދުވެރިކޮށް ކުރާ ކަންތައް ރަނގަޅަށް އެނގޭ އެއްވެސް މީހަކު އެޕާޓީއަށް ވޯޓު ދެވުނީތީ ކަރުނައަޅާ ރޯނެ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިބުރާގެ އިތުރުން އެސްއެލްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޔޫތު މިނިސްޓާ ހަސަން ލަތީފާއި، ފައްޔާޒް އިސްމާއީލް އާއި، އަހުމަދު އަބްދުﷲ އަފީފް އާއި ހަސަން އިސްމާއިލާ އާއި ހުސައިން އިސްމާއީލް ވެސް އެމްޑީޕީއަށް ސޮއިކުރެއްވި އެވެ.
އިބްރާ އެމްޑީޕީން ވަކިވެވަޑައިގަތީ ނޮވެމްބަރު 25، 2006 ގައި އެވެ. އިބްރާ އެމްޑީޕީން ވަކިވެ ވަޑައިގަތީ އެ ޕާޓީގެ ރައީސް ކަމުން އޭނާ އިސްތިއުފާ ދެއްވިތާ ގާތްގަނޑަކަށް ހަތް މަސް ފަހުންނެވެ. އިސްތިއުފާދެއްވިއިރު އިބުރާ ވިދާޅުވެފައިވަނީ، އޭނާ އެ ޕާޓީން ވަކިވެ ވަޑައިގަތީ އޭނާ ގަބޫލުކުރައްވާ އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިނގަމުން ނުދިއުމާއި ޕާޓީއަށް ކޮށްދެއްވޭނެ ކަމެއް ނެތުމުން ކަމަށެވެ. އިބްރާއާއި އޭރު ޗެއާޕާސަނަކަށް ހުންނެވި ރައީސް މުހައްމަދު ނަޝީދު އާ ދެމެދު ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދި އެކަން ވަނީ ފެންމަތިވެފަ އައެވެ.