02 May 2016, 15:06
މިދިޔަ މަހުގެ 18 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ފާސްކުރި ޖިނާއީ އިޖުރާއަތުގެ ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖިނާއީ އިޖުރާތުގެ ބިލު ތަޞްދީޤް ކުރެއްވުމުން، ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްގީގުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ އެ ބިލުގެ ސަބަބުން ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ. އަދި ބުނީ ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށް ޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ޖިނާއީ އިޖުރާއަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ބިލެކެވެ.
އެ ބިލުގައިވާ ގޮތުން އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމުގެ މަގުސަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުގީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.
ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައް އެ ބިލްގައި ވަނީ ކަނޑައަޅާފަ އެވެ.