ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔަރޑް ސައްޔިދު ހަވަރު އަލީ ޝާހުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފު އާއި ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

އެމެއެންޔޫ އިން ބުނީ އެ ދެ ބޭފުޅުން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަކީ، ރާއްޖެގައި މެޑިކަލް ސްކޫލްއެއް ގާއިމުކުރުމަށް އެ ޔުނިވާސިޓީ އިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯއްދެވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ހަމައެއާއެކު، އެ ދެ ބޭފުޅުންގެ ދަތުރުފުޅުގައި ޕާކިސްތާނުގެ ކަރާޗީ އާއި އިސްލާމްއާބާދު އަދި ލާހޯރްއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

ތަޖުރިބާގެ ގޮތުންނާއި ފަންނީ ގޮތުން އެންމެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ޒިޔާރަތް ކުރައްވާ މަޝްވަރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޔޫ އިން ބުންޏެވެ.

އެ ދެ ބޭފުޅުންގެ ދަތުރުފުޅަކީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.