ބޮލީވުޑާއި އިންޑިއާ ޓީވީ ތަރިންގެ "ބްރޭކް އަޕް" ސީޒަނަށް ފަހު، މިހާރު އެވަނީ އެމީހުންގެ ކައިވެނީގެ ސީޒަންވެސް ފެށިފަ އެވެ. މިދުވަސްވަރު ސޯޝަލްމީޑިއާ އާއި އެހެނިހެން މީޑިއާ ތަކުގައި އެންމެ ގިނައިން ދައުރުވާ ވީޑިއޯތަކާއި ފޮޓޯ ތަކަކީވެސް މަޝްހޫރު ތަރިންގެ ކައިވެނީގެ ފޮޓޯ ތަކާއި ވިޑީއޯ ތަކެވެ.

ކުލަ ގަދަ ހަފުލާ އަކުން ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި ޓީވީ ސީރީސްތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދުމަށްފަހު، ބޮލީވުޑަށް ތައާރަފުވި ކަރަން ސިންގު ގްރޯވަރު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ކައިވެނި ކޮށްފަ އެވެ.

އެ ދެ ތަރިންގެ ކައިވެންޏަށް ފަހު، ދެން އެންމެ ފަހުން އިވިގެން ދިޔައީ ސްޓާ ޕްލަސްގެ މަޝްހޫރު ޑުރާމާ "ޔޭ ހޭ މޮހާއްބަތޭން" އިން ދާދި ފަހުން ވަކިވި ތަރި، މިހިކާ ވަރްމާ ކައިވެނި ކުރި ހަބަރެވެ.

މިހިކާ ކައިވެނި ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެހެންނަމަވެސް ކައިވެނީގެ ކަންތައްތައް ސިއްރުކޮށްފައިވާތީ، މީޑިއާ އަށް އެކަން ފަޅާއަރާފައިވަނީ މިހިކާ އިންސްޓާގުރާމް ކުރި ފޮޓޯއަކުންނެވެ.

އެ ފޮޓޯއަކީ މިހިކާ ކައިވެނީގެ ހެދުމުގައި ހުރެގެން ނަގާފައިވާ ފޮޓޯއެކެވެ.

ސިޚާ އަދި އޭނާގެ ލޯބިވެރިޔާ ކަރަން --- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

އެ ލިސްޓަށް މިހާރި އިތުރު ވެފައިވާ އަނެއް ތަރިއަކީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޒީޓީވީގެ ޑުރާމާ "ކުމްކުމް ބަހަގްޔާ"ގެ ތަރި ސިޚާ ސިންގު (އާލިއާ) އެވެ. ސިޚާގެ ކައިވެނީގެ ހަފުލާވެސް ވެސް މިއަދުގެ ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަަށް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން، ސިޚާ ކައިވެނި ކުރަން ނިންމާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަރަން ނަމަކަށް ކިޔާ މީހަކާ އެވެ. އަދި އޭނާ އަކީ ޕައިލެޓެއް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ކައިވެނި ކުރި ނަމަވެސް، ސިޚާ "ކުމްކުމް ބަހަގްޔާ" ޑުރާމާއިން ވަކިނުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.