02 May 2016, 13:40
އަންނަ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މަހާސިންތާ މެދުވެރިކޮށް ރަށްރަށުގައި ތިބި ރައްޔިތުންގެ ވާހަކަތައް ސަރުކާރުގެ އިސް އޮފިޝަލުންނާ ހަމައަށް ފޯރާ ކަމަށް ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން ބުނެފި އެވެ.
ރ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަހާސިންތާއާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ކެމްޕޭނު އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ މަހާސިންތާގެ ސަބަބުން އަތޮޅު ތެރޭގައި ތިބި ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ސަރުކާރާ ހިއްސާކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާ ކަމަށެވެ.
"ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ ވެރިން ރަށްތަކުގެ ރައްޔިތުންގެ ގާތަށް ވަޑައިގަތުމުން ތަފާތު އެކިއެކި ކަންތައްތަކަށް، ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި އަދި ހުރި ދަތިކަންތައްތައް ރައްޔިތުންގެ ފަރާތުން އެބަ ހިއްސާ ކުރުމުގެ ފުރުސަތު ލިބިގެންދޭ،" މުއާޒު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެމްޕޭނު އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަހާސިންތާގެ ތެރެއިން މިހާރު ކުރިއަށް ދަނީ އަތޮޅު ތެރޭގެ ބުރުތަކެވެ. އަތޮޅު ތެރޭގައި ކުރިއަށް ގެންދާ މަހާސިންތާތަކުގެ ތެރެއިން ފުރަތަމަ ބުރު ބާއްވާފައި ވަނީ ބ. އަތޮޅުގަ އެވެ. އެ ބުރުގައި 300 އެއްހާ ކެމްޕެއިން ލީޑަރުން ތަމްރީނުކުރި އެވެ.
އަތޮޅު ތެރޭގައި ބާއްވާ މަހާސިންތާތަކުގެ ދެވަނަ ބުރު ކުރިއަށް ދާނީ ރ. އަތޮޅުގައި ކަމަށް ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން ބުންޏެވެ.
މުއާޒު ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ރ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ މަހާސިންތާގައި ވެސް ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މަހާސިންތާ ކުރިއަށް ގެންދާނީ ރ. އަތޮޅުގެ ހަތަރު ރަށެއްގަ އެވެ. އެއީ އެ އަތޮޅު އަލިފުށި، އުނގޫފާރު، އިނގުރައިދޫ އަދި ވާދޫގަ އެވެ.
އެ މަހާސިންތާގައި ގާތްގަނޑަކަށް 400 އެއްހާ މަންދޫބުން ބައިވެރިވެ، ތަމްރީނު ވާނެ ކަމަށް ލަފާކުރެވޭ ކެމްޕެއިން އޮފީހުން ވަނީ ބުނެފަ އެވެ.