މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 29.9 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

އެކުންފުނިން އާންމުކުރި އެ ކުންފުނީގެ، 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާލީ ރިޕޯޓުގައި ބުނާ ގޮތުން، އެކުންފުނިން މި އަހަރު 315،450،233 ރުފިޔާގެ ވިޔަފާރި ކޮށްފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު ބައި ލައްކައެއްހައި ރުފިޔާ އިތުރު އަދަދެކެވެ.

ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި އެމްޓީސީސީއަށް މި ކުއާޓަރުގައި 48.4 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. ޖުމްލަ ފައިދާގެ ގޮތުގައި އެކުންފުންޏަށް މި ކުއާޓަރުގައި 35 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާއަށް ލިބިފައި ވަނީ 29.9 މިލިޔަން ރުފިޔާ އެވެ.

މިދިޔަ އަހަަރުގެ ފަހު ކުއާޓަރާ އަޅައިބަލާއިރު މިއީ 19 ޕަސަންޓުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެމްޓީސީސީއަށް 45.7 މިލިޔަން ރުފިޔާގެ ފައިދާ ލިބުނު އިރު، ޓެކްސްއަށް ކެނޑުމަށް ފަހު އެ އަދަދު ހުރީ 36.9 މިލިޔަނުގަ އެވެ.

އެމްޓީސީސީއަށް ސަރުކާރުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވަނީ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ސިވިލް މަސައްކަތްތަކުގެ 11 މަޝްރޫޢު އެވޯޑު ކޮށްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި، 11 އާ މަޝްރޫއު އެމްޓީސީސީއިން ފަށާފައިވާ އިރު، ފަސް މަޝްރޫއެއްގެ މަސައްކަތް ނިންމާފައި ވެ އެވެ.

އޭގެ އިތުރުން، މާލޭގެ ހުޅަނގު ދެކުނާއި ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖު ގާއިމު ކުރުމާއި، މާލޭ ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ މަޝްރޫޢު ވެސް އެމްޓީސީސީއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފަށައިފަ އެވެ. އަދި އެމްޓީސީސީގެ މަސައްކަތްތައް ހިންގުމަަށް، ދެ ޓަގާއި ބާޖު ވެސް ގެނެސް، އެކުންފުނީގެ އިންޓަނޭޝަނަލް ފްލީޓަށް އިތުރުކޮށްފައި ވެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި، މާލެއާ ހުޅުމާލެއާ ދެމެދު ދުއްވުމަށް، އޭސީ ލާފައިވާ، އަދި 146 ފަސިންޖަރުންނަށް ދަތުރު ކުރެވޭ ދެ ޕްރީމިއަމް ލިންކު ފެރީގެ ޚިދުމަތް ފަށައި، ހުޅުމާލެއާއި މާލޭގައި ވެސް ހުންނަ ފެރީ ޓާމިލަނުގައި ޕްރީމިއަމް ލިންކު ފަސިންޖަރުންނަށް ޚާއްސަ ލައުންޖްތަކެއް ހުޅުވާފައިވާ ކަމަށް އެމްޓީސީސީގެ ފުރަތަމަ ތިން މަސްދުވަހުގެ ރިޕޯޓުގައި ބުނެފައި ވެ އެވެ. މީގެ އިތުރުން ތ. އަތޮޅާއި ލ. އަތޮޅުގައި ފެރީގެ ޚިދުމަތް ވެސް ފަށާފައިވާ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.