ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އައިޔޫއެމް)ގެ ފެކަލްޓީ އޮފް ސައިންސް އިން ހިންގާ ތިމާވެށީގެ ކޯސް އިތުރަށް ހަރުދަނާކުރުމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އާ އެކު ވެފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

އައިޔޫސީއެން އަކީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ އެކި ދާއިރާތަކުން ދިރާސާކުރުމުގައި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ ފަރާތުން ގައުމީ ޔުނިވާސިޓީއާ އެކު 2014 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށް، ފެކަލްޓީ އޮފް ސައިންސް އިން ހިންގަމުން އަންނަ އެންވާރަމަންޓް މެނޭޖްމަންޓް ޑިގްރީ ކޯހުގެ ދަރިވަރުންނަށް އަންނަނީ އިންޓާންޝިޕް އަދި އެޕްރެންޓައިސްޝިޕް ޕްރޮގްރާމްތަކާއި ސެމިނާތައް ހިންގަމުންނެވެ.

މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އައިޔޫސީއެންއާ އެކު އެއްބަސްވެފައި ވަނީ، އެ ޖަމިއްޔާއާ އެކު ވެފައިވާ އެއްބަސްވުންއާކޮށް، އިތުރު ހަތަރު އަހަރަށް ފެކަލްޓީ އޮފް ސައިންސްގެ ތިމާވެށި ކޯސް ހަރުދަނާކޮށް ތިމާވެށި ދާއިރާ އިން މީހުން ބިނާކުރުމަށެވެ.

ރަސްމިއްޔާތުގައި އައިޔޫސީއެންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައިހުންނަވާ ޗީފް ޑރ. އަމީރު އަބްދުﷲ އެވެ. އައިޔޫއެމްގެ ފެކަލްޓީ އޮފް ސައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ފެކަލްޓީގެ ޑީން މަރިޔަމް ޝަޒްލާ އެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީން ޝަލްޒާ ވިދާޅުވީ، އައިޔޫސީއެންއާ އެކު އާކުރެވުނު އެއްބަސްވުމުގެ ދަށުން އެ ޖަމިއްޔާ އިން ދެމުންދާ އެހީތެރިކަމުގެ އިތުރުން، ރާއްޖެ އަށް ނުހަނު ބޭނުންވާ މެރިން ސައިންސްގެ ދާއިރާއިން ޑިގްރީ ޕްރޮގްރާމެއް ފަރުމާކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން، އެ ފެކަލްޓީގެ އެންވާރަމަންޓް މެނޭޖްމަންޓް ޑިގްރީ ޕްރޮގްރާމަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކަށް މިއަހަރުން ފެށިގެން ސްކޮލޮޝިޕްގެ ފުރުސަތު ވެސް ދެމުންދާނެ އެވެ.