އިޓާލިއަން ސެރީ އޭގައި ރޭ ކަޕީ އަތުން 0-2ގެ ނަތީޖާ އަކުން މޮޅުވެ އެންމެ ފަހުން ކުޅުނު 10 މެޗު ވެސް ކާމިޔާބުކޮށް ލީގް ކަށަވަރުވެފައިވާ ޔުއެންޓަސް އިން އުފާފާޅުކޮށްފި އެވެ.

އެ މޮޅާ އެކު ޖުމްލަ 88 ޕޮއިންޓާ އެކު ލީގުގެ އެއްވަނާގައި ޔުވެންޓަސް އޮތް އިރު ދެވަނާގައި އޮތް ނަޕޯލީ އަށް ލިބިފައި ވަނީ 73 ޕޮއިންޓެވެ. އަދި ތިންވަނާގައި އޮތް ރޯމާ އަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ.

އެންމެ ފަހުގެ ހަތަރު އަހަރު ވެސް އިޓާލީ ލީގް ކާމިޔާބުކޮށްފައިވާ ޔުވެންޓަސް އަށް ފަސް ވަނަ ފަހަރަށް ލީގް ކަށަވަރު ވެގެން ދިޔައީ އެ ޓީމާއި އެންމެ ކައިރިން ވާދަކުރާ ނަޕޯލީ، ރޯމާ އަތުން ބަލިވުމުންނެވެ.

ޔުއެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ފެށިގެން އެ ޓީމްގެ ޕައުލް ޕޮގްބާ އަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކަޕީގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ޔުއެންޓަސްއިން ގިނަ ވަގަތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އެ މެޗުގައި އެ ޓީމަށް ލީޑް ނަގައިދިނީ މެޗުގެ 42 ވަނަ މިނެޓްގައި ވަޑާވޯ އަސަމޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ބްރެޒިލްގެ ފޯވާޑް ހާނަންސް އެވެ. އޭނާ އެ ބޯޅަ ކަޕީގެ ގޯލުގެ ތެރެއަށް ފޮނުވާލީ ޕެންލްޓީ އޭރިއާގެ ބޭރުގައި ހުރެ ގޯލުގު ތިރީ ކަނަށް ވައްދާލައިގެންނެވެ.

ދެވަނަ ހާފްގައި ވެސް ޔުއެންޓަސްގެ ފަރާތުން ކަޕީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި އިރު ޔުއެންޓަސް އަށް ލީޑް އިތުރަށް ފުޅާ ކޮށްދިން ގޯލު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް އިޓަލީގެ ޒުވާން ފޯވާޑް ސިމިއޯނީ ޒަޒާ ކާމިޔާބު ކުރީ ޕޮގްބާ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.