ކ. ހިންމަފުށީ އައްސޭރި ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ފިލި ގައިދީ އަކު މަސް ދުވަސް ފަހުން މާލޭން ހައްޔަރު ކޮށްފި އެވެ.

ޑީޕީއާރުއެސް އިން ބުނީ މަސްތުވާތަކެތީ މައްސަލައެއްގައި ހުކުކްކޮށްފައި ހުރި ތ. ގުރައިދޫ ރީތިގޭ، އިބްރާހިމް ރިފާއު ހައްޔަރުކޮށްފައި ވަނީ މާލޭ މަގުމަތީގައި އުޅެނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ހިންމަފުށީ ޖަލަކީ އާންމުގޮތެއްގައި އަޚްލާގު ރަނގަޅު ގައިދީން ބަލަހައްޓަމުން އަންނަ ޖަލެކެވެ. އަދި ގައިދީންނަށް އަމާޒުކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ވެސް އައްސޭރި ޖަލުގައިދަނީ ހިންގަމުންނެވެ.
ޑީޕީއާރުއެސް އިން ބުނެފައި ވަނީ 30 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ލޯ ސެކިއުރިޓީ ޖަލުން ގައިދީއަކު ފިލިކަން އެނގުނީ އެވަގުތު ޑިއުޓީގައި ތިބި މީހުން ޑިއުޓީ ބަދަލުވި ވަގުތު ޖަލުގައި ތިބި މީހުން ހަމަތޯ ގުނިއިރު އެކަކު މަދުވުމުން ކަމަށެވެ.

ބޭސްފަރުވާ އަށް ޖަލުން މާލެ ގެންނަ ގައިދީން ފިލުން ވަނީ މިހާރު އާންމު ކަމަކަށް ވެފަ އެވެ.

މީގެ އިތުރުން، 25 އަހަރު ކުރިން ފެށިގެން ތަފާތު މައްލަސަތަކެއްގައި މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ސ. ހިތަދޫ، ތުރަޝް މުހައްމަދު އިބްރާހިމް ދީދީ (ކިޔަވާ) ބޭސް ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮއްވާ ފިލި ގޮތަށް އަދި ފެނިފަ އެއްނުވެ އެވެ.