02 May 2016, 13:05
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށް މިދިޔަ 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބި، 2014 ވަނަ އަހަރާ އަޅާ ބަލާ އިރު 90 ޕަސަންޓުގެ ކުރިއެރުމެއް ހޯދައިފި އެވެ. ދެހާސް ސާދަ ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 82 މިލިޔަން ރުފިޔާ އެވެ.
އެމްޓީސީސީ އިން އާންމުކުރި 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 1.04 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 772 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކުންފުނި ހިންގައިގެން، ޓެކްސް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު 204 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ.
އެމްޓީސީސީ އިން އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، އެކުންފުނިން ކުރާ ގިނަ މަސައްކަތްތަކުގެ ތެރެއިން، މައިގަނޑު އެއް މަސައްކަތް ކަމުގައިވާ، ދަތުރުފަތުރުގެ ވިޔަފާރިއަށް 2012 ވަނަ އަހަރުން ފަށައިގެން މާލީ ގޮތުން ލިބެމުން ދިޔައީ ގެއްލުން ކަމަށެވެ.
އަދި މާލީ ގެއްލުން ކުޑަކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފަށައިގެން، ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑީއެއް ދެމުން އަންނަ ކަމަށާއި މިދިޔަ އަހަރު ވެސް، ދަތުރުފަތުރުގެ ދާއިރާ އިން ލިބުނު 62.3 މިލިޔަން ރުފިޔާގެ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ސަބްސިޑީ ފޯރުކޮށްދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރު ދަތުރު ފަތުރުގެ ދާއިރާ އިން އެމްޓީސީސީ އަށް 110 މިލިޔަނުގެ އާމްދަނީއެއް ލިބިފައިވާ އިރު، އޭގެ ތެރެއިން ކުންފުންޏަށް ލިބުނީ ހަތަރު މިލިޔަން ރުފިޔާގެ ފައިދާ އެވެ.
އެމްޓީސީސީ އިން ރީޓައިލްކޮށް ކުރާ ވިޔަފާރިތަކުން މިދިޔަ 2015 ވަނަ އަހަރު އެ ކުންފުންޏަށް 46 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ. އަދި 2014 ވަނަ އަހަރު އެއަދަދު އުޅުނީ 37 މިލިޔަން ރުފިޔާގަ އެވެ.