02 May 2016, 11:41
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުގެ އިންތިހާބު ތިން ފަހަރުމަތިން ލަސްކުރުމަށް ފަހު އަނެއްކާ ވެސް ބޭއްވުމަށް އެ އެސޯސިއޭޝަނުން އިއުލާން ކޮށްފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ އަހަރީ އާންމު ޖަލްސާ އާއި އާ ދައުރަކަށް ހިންގާ ކޮމިޓީ އިންތިހާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 10 ވަނަ ދުވަހު ހެނދުނު 10:00 ގައި ހެންވޭރު ބޯޅަގޭގައި ބޭއްވުމަށް އެ އެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ އަޣްލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބު ބާއްވާނެ ތާރީހެއް ފުރަތަމަ އިއުލާންކުރުމަށްފަހު އެ އިންތިހާބު ފަސްކުރީ އެ އެސޯސިއޭޝަންގެ ހިންގާ ގަވައިދާ ހިލާފަށް، އަތޮޅު ތަކުގައި ހަރަކާތްތެރިވަމުން އަންނަ ބެޑްމިންޓަން ކޮމިޓީތަކަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭ ގޮތަށް އިންތިހާބު ބާއްވަން އުޅޭކަމުގެ ޝަކުވާ ހޯމް މިނިސްޓްރީއަށް ލިބުމާ ގުޅިގެން އެ މިނިސްޓްރީގެ އެދުމުގެ މަތިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ފާއިތުވި އަހަރުގައި ހިންގާފައިވާ ހުރިހާ ހަރަކާތްތަކުގެ ރިޕޯޓް މާޗު މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅައި 2016 ވަނަ އަހަރާ ހަމައަށް ފީދައްކާފައިވާ އެސޯސިއޭޝަންތަކުގެ މެމްބަރުންނަށް އެކަންޏެވެ.
އެ އިންތިޚާބް ދެވަނަ ފަހަރާއި އަދި އެންމެ ފަހުން ވެސް ލަސްކުރަން ޖެހުނީ ހޯމް މިނިސްޓްރީން އޮބްޒާވަރުން ހަމަނުޖެމުން ކަަން ފާހަގަ ކޮށްލެވެ އެވެ. ނަމަވެސް އެ އެސޯސިއޭޝަނުގެ ޖެނަރަލް ސެކެޓްރީ މުހައްމަދު ރިޝާން 'ސަން' އަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން އެ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަށް ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ހޯމް މިނިސްޓްރީގެ އެއްބާރުލުން ލިބޭ. އިންތިހާބު ލަސްކުރަން ޖެހެނީ ކޮންމެ ވެސް ސަބަބަކާ ހުރެ އޮބްޒާވަރުންނަށް ހާޒިރުވެވޭ ގޮތް ނުވުމުން،" ރިޝާން ވިދާޅުވި އެވެ
މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ކުރިއަށް އޮތް ހަތަރު އަހަރު އެ އެސޯސިއޭޝަނުގެ ރައީސްކަމަށް ވާދަކުރައްވަނީ މިހާރުގެ ވެސް ރައީސް މޫސާ ނާޝިދު އާއި ހަސަން ރިޔާޒެވެ. ނައިބް ރައީސްކަމަށް ކުރިމަތިލާފައި ވަނީ އަހްމަދު ޝާކިރު އާއި މަމްދޫން ރަޝީދު އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ހަޒާންދާރަކަށް ކުރިމަތިލާފައި ވަނީ މުހައްމަދު ސައީދު އާއި މޫސާ ރަމީޒެވެ. ހަޒާންދާރުގެ މަގާމަށް މުޙައްމަދު ސައީދު އާއި މުސާ ރަމީޒް ކުރިމަތިލިއިރު އެގްޒެކްޓިވް ކޮމެޓީއަށް ކުރިމަތިލާފައި ވަނީ ހުސައިން އާތިފް އާއި ހާރިޘް މުޙައްމަދު އާއި އަލީ އަބްދުލް ކަރީމް އާއި އިބްރާހީމް އާސިފްއެވެ.
އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެންބަރުން ތަމްސީލްކުރާ މެންބަރު ކަމަށް ކުރިމަތިލާފައި ވަނީ ޒެނީޝާ ޝާހިދު އާއި ރަހީމާ އާދަމެވެ.