02 May 2016, 13:41
މި އަހަރުގެ ނައިޓު މާކެޓު އިއްޔެ ފަށާފައިވާ އިރު، 4،000 އަށް ވުރެ ގިނަ މީހުން އެތަނަށް ޒިޔާރަތް ކުރި ކަމަށް، އެ މާކެޓު މި އަހަރު އިންތިޒާމުކުރާ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ)އިން އަންދާޒާ ކޮށްފި އެވެ.
އެމްއެމްއޭސީން ތަފާތު ކޮންސެޕްޓަކަށް އިންތިޒާމު ކުރާ ނައިޓު މާކެޓު ކުރިޔަށް ދަނީ އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. ކާނިވާ ސަރަހައްދުގައި މި މާކެޓު މިފަހަރު ބާއްވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ކުރިޔަށް ދާތީ، ރާޅުގަނޑު ސަރަހައްދު ބަންދުކޮށްފައި ވާތީ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން، އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ވިދާޅުވީ، އިއްޔެ ނައިޓް މާކެޓު ދިޔައީ ފުލްކޮށް ކަމަށެވެ.
"ފުލީ ޕެކްޑް. އަޅުގަނޑުމެން މި ބަލަނީ އިއްޔެ 4،000 ވަރަކަށް މީހުން ޒިޔާރަތް ކުރި ކަމަށް،" އަލީ ވިދާޅުވި އެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން މެއި އެކަކުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަލިމަސް އުފާ ކާނިވަލުގައި ބާއްވަމުން އަންނަ ނައިޓު މާކެޓުގެ ތެރެއިން ----- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އެތަނުގައި ގިނަ އަދަދެއްގެ ބަޔަކު ތަކެތި ވިއްކުމުގައި ހަރަކާތްތެރިވި އިރު، އޭގެ ތެރޭގައި މާލޭގެ ބައެއް ވިޔަފާރި ކުންފުނިތަކާއި، ފިހާރަތަކުގެ އިތުރުން، އާއިލާއާއި ރަހުމަތްތެރިން ގުޅިގެން ވެސް މޭޒުތައް ހިންގުމުގައި ހަރަކާތްތެރިވި އެވެ.
ބައެއް މޭޒުތައް ހިންގި ފަރާތްތަކުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ، އެ ފަރާތްތަކުން، ނައިޓު މާކެޓުގައި ވިއްކުމަށް ޚާއްސަކޮށްގެން ލަންކާ، އިންޑިއާ އަދި ބެންކޮކް ފަދަ ތަންތަނުން މުދާ ގެނެސްފައިވާ ކަމަށެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން މެއި އެކަކުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަލިމަސް އުފާ ކާނިވަލުގައި ބާއްވާ ނައިޓު މާކެޓުގެ ތެރެއިން ----- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ނައިޓު މާކެޓުގައި މީހުން ހިނގުމަށް މަގުތައް ވަކިން ކަނޑައަޅައި، މީހުން ތޮއްޖެހުން މަދު ކުރުމަށް ވަންވޭ އަދި ޓޫވޭ މަގުތައް ފާހަގަ ކޮށްފައި ހުއްޓެވެ. އެހެން ނަމަވެސް އެމްއެމްއޭސީގެ ޗެއާމަން ރުކުމާ އަލީ ވިދާޅުވީ، ބައެއް މީހުން އެ ނިޝާންތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ރޭ މާކެޓުގައި ތޮއްޖެހުނު ކަމަށެވެ.
"ގިނަ މީހުން ފޮލޯ ކުރޭ ނިޝާންތަކަށް. ދެން 50 ޕަސަންޓު ވަރު މީހުން ސައިންތަކަށް ފޮލޯ ނުކޮށް އުޅެނީ. ޕޮލިހުންނާ އަޅުގަނޑުމެންގެ ޓްރެފިކް ސްކޮޑާ ގުޅިގެން ކޮންޓްރޯލު ކުރަން ޖެހުނީ. ތޮއް ޖެހޭ، އިނގޭތޯ. ވަނުން މަނާ ޖަހާފައި ހުރި ބޯޑެއް ހުރި ތަނަކުން ވަންނަން އުޅެފިއްޔާ ކްލޭޝް ވާނެތާ،" ރުކުމާ އަލީ ވިދާޅުވި އެވެ.
އެހެން ނަމަވެސް، މިރޭ މާކެޓަށް ޒިޔާރަތް ކުރާނެ މީހުން އިތުރުވާނެ ކަމަށް ބެލެވޭތީ، އިތުރު މުވައްޒަފުން ނަގައިގެން ތޮއްޖެހުން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަލީ ވިދާޅުވި އެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން މެއި އެކަކުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަލިމަސް އުފާ ކާނިވަލުގައި ބާއްވަމުން އަންނަ ނައިޓު މާކެޓުގެ ތެރެއިން ----- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މީގެ އިތުރުން، އަލީ ވިދާޅުވީ، ނައިޓް މާކެޓާ މެދު ވިޔަފާރިވެރިން ތިބީ ވަރަށް އުފާވެފައި ކަމަށާއި، ރޭ ވިޔަފާރި ވަރަށް ރަނގަޅު ކަމަށް އެމީހުން ބުނަމުން ދިޔަ ކަމަށެވެ.
"މީގެ ކުރިން ނައިޓް މާކެޓަށް 800 ސްޓޯލު ދޫކުރާ އިރު، މި އަހަރު މި އޮތީ 350 ސްޓޯލު. އެހެންވީމަ 800 ސްޓޯލަށް ދާ ފައިސާ 350 ސްޓޯލަށް ދެއްތޯ ބެހިގެން ދާނީ. ގިނަ މީހުން ގުޅާފައި ބުނި ވަރަށް ވިޔަފާރި ރަނގަޅޭ. އެމީހުން ހިއެއް ވެސް ނުކުރޭ އެހާ ވިޔަފާރި ރަނގަޅު ވާނެ ކަމަކަށް،" އަލީ އަބްދުލްކަރީމް ވިދާޅުވި އެވެ.

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން މެއި އެކަކުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އަލިމަސް އުފާ ކާނިވަލުގައި ބާއްވަމުން އަންނަ ނައިޓު މާކެޓުގެ ތެރެއިން ----- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް މާކެޓް ކުރިއަށްގެންދާ އިރު، ކޮންމެ ދުވަހެއްގެ ވެސް ބާޒާރު ފެށޭނީ ހަވީރު 4:00 ގައެވެ. ރޭގަނޑު 12:00 އަށް ބާޒަރު ނިންމާލާނެ އެވެ.