09 May 2011, 10:54
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ވެރިރަށް ކޮލަންބޯގައި ދީނީ ދަރުސްތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް ފައުންޑޭޝަނުން ބުނި ގޮތުގައި، "ދައުވާ އިސްލާމިއްޔާ އެޓް ކޮލަންބޯ 2011" މި ނަމުގައި ބާއްވާ އެ އިވެންޓުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ދީނީ އިލްމުވެރިން ކަމުގައިވާ އައްޝައިޚް އިބްރާހީމް ފަރީދު އަހުމަދާއި އައްޝައިހު އިއްޒައްދީން އަދުނާނެވެ.
އެ ދަރުސްތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ހަވީރު 4:30 ގައި ޝަޚްރަން ބެންކުއެޓް ހޯލް، 56 ހޮސްޕިޓަލް ރޯޑް، ދެހިވަލަ ގައި ކަމަށް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.
މި އިވެންޓް އިންތިޒާމްކުރުމަށް އިސްލާމިކް ފައުންޑޭޝަންގެ އަށް މެންބަރުންގެ ވަފްދެއް ކޮލޮމްބޯއަށް މިމަހުގެ 19 ވަނަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެ ވަފްދުގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ޖަމިއްޔާގެ ރައީސް އިބްރާހީމް ފައުޒީ ކަމަށް ވެސް އިސްލާމިކް ފައުންޑޭޝަނުން ބުނެ އެވެ.
މިއީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ދީނީ ޖަމިއްޔާއަކުން ދަރުސެއް ބާއްވާ ފުރަތަމަ ފަހަރެވެ.