02 May 2016, 10:41
އާސެނަލްގެ ކުޅުން މިހާރަށްވުރެ ވަރަށް ބޮޑުތަން ރަނގަޅުކުރާން ޖެހިފައިވާކަމަށް އެޓީމުގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު، އިނގިރޭސި ޕްރިމިއަރ ލީގުގައި ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ ނޯވިޗް ސިޓީއާ ވާދަކޮށް އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވީ 1-0 ލަނޑުންނެވެ.
އެ މެޗުގެ ނަތީޖާއާއެކު ލީގުގެ 19 ވަނައަށް ނޯވިޗް ވެއްޓިފައިވީ ނަމަވެސް މެޗުގެ 59 ވަނަ މިނިޓާ ހަމައަށް އެޓީމުން ވަނީ އާސެނަލް ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓައިފައެވެ.
"މި މެޗުން ތިން ޕޮއިންޓް ލިބުނީތީ އަހަރެމެން ވަރަށް އުފާވި. ސަބަބަކީ މިއީ އާސެނަލަށް އެހާރަނގަޅު ކުޅުމެއް ދެއްކުނު މެޗަކަށް ނުވުން،" ޖިރޫ ބުންޏެވެ.

ކޯޗު އާސެން ވެންގާ ބޭރުކުރުމަށް ގޮވާލައި އާސެނަލްގެ ސަޕޯޓަރުން އިހްތިޖާޖުކުރަނީ -- ފޮޓޯ: އޭޕީ
ޖިރޫ ބުނީ، ނޯވިޗާ ދެކޮޅަށް ނުކުތީ އުނދަގޫވާނެ މެޗެއްކަން އެނގި ތިބެ ކަމަށާއި މެޗުން މޮޅުވުމުގެ އުންމީދު އެންމެ ހިނދުކޮޅަކަށް ވެސް ދޫކޮށް ނުލާ ކަމަށެވެ.
ޕްރިމިއަރ ލީގުގައި ޖިރޫއަށް ލަނޑެއް ކާމިޔާބު ނުކުރެވި، 15 މެޗު ފާއިތުވެ ގޮސްފައިވާއިރު، ޖިރޫ ބުނީ، އޭނާއަށް ލަނޑު ނުޖެހުނު ނަމަވެސް އެހެން މީހުންނަށް ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އާސެނަލްއާއި ނޯވިޗް ބައްދަލުކުރި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ވެލްބެކް އެޓީމަށް ކާމިޔާބުކޮށްދެނީ -- ފޮޓޯ: އޭޕީ
ހޮނިހިރު ދުވަހު ނޯވިޗް އަތުން އާސެނަލް މޮޅުވި ލަނޑު އެ މެޗުގެ 59 ވަނަ މިނިޓްގައި ޑެނީ ވެލްބެކް ކާމިޔާބުކުރީ ޖިރޫ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އާސެނަލް ނޯވިޗް އަތުން 1-0 އިން މޮޅުވި މެޗުގައި އާސެނަލްގެ ސަޕޯޓަރުން އެ ޓީމު ބަދަލަކަށް ބޭނުންވާ ކަމަށް ގޮވާލައި އިހްތިޖާޖުކުރަނީ -- ފޮޓޯ: އޭޕީ
ނޯވިޗް އަތުން އާސެނަލް މޮޅުވި ނަމަވެސް، ލީގު ކާމިޔާބުކުރުމުގެ އުފާ ނުލިބޭތާ 12 އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ، އާސެނަލްގެ ސަޕޯޓަރުން ވަނީ އެ މެޗު ކުޅެމުން ދިޔަ ވަގުތު އެ ކްލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، ކޯޗު އާސެން ވެންގާ އާސެނަލް ދޫކޮށް ދާންވީ ވަގުތު ޖެހިއްޖެ ކަމަށްބުނެ ޝުއޫރުފާޅުކޮށްފައެވެ.