02 May 2016, 10:04
އަރަހުށި މާތްاللّـه سبحانه وتعالىމި ވަލީމާގައި ބަރަކާތްލެއްވިއެވެ. މުޢުޖިޒާއެއްކަމުގައި ލެއްވިއެވެ. ތިންސަތޭކަ ވަރަކަށް ބޭކަލުންގެ ފަރިއްކޮޅަށް މި ވަލީމާގައި ހުރީ އެންމެ ބަކަރިއެއްގެ މަހާއި އެމަހާ ވާވަރަށް ރޮއްޓާއި އެންމެ މަލީދާ ތައްޓެކެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއަށް ވަލީމާއަށް ބޭކަލުން ހާޒިރުވެވަޑައިގެންނެވިތަން ފެނިވަޑައިގެންނެވުމުން ސުފުރާ ތައްޔާރުކުރަން އެންގެވިއެވެ. އޭރު އެކަލޭގެފާނުގެ ކޮޓަރިކޮޅާއި ޞުއްފާއާ ދެމެދު މީހުންތައް އޮތީ ފުރިފައެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ދިހަމީހުން ދިހަމީހުންގެ ޙަލްޤާ ހަދާށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުރިމަތީން ކާށެވެ." ދިހަބޭކަލުންގެ އެއްޖަމާޢަތް ފަރިއްކުޅުއްވައި ނިމިވަޑައިގަތުމުން އަނެއް ދިހަބޭކަލަކު ވެދެވަޑައިގެން ފަރިއްކުޅުއްވާގޮތަށެވެ.
أنسގެފާނު ވިދާޅުވެފައިވެއެވެ. "މަލީދާ ވަރަށް މީރެވެ. އަނެއްކާ މި ދަޢުވަތަކީ ކައުސާހިބާصلّى اللّـه عليه وسلّمދެއްވި ދަޢުވަތެކެވެ. އެހެންކަމުން ހުރިހާ ބޭކަލުންވެސް ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ފަރިއްކުޅުއްވިއެވެ. ހުރިހާ ބޭކަލުން ރަނގަޅަށް ފަރީއްކުޅުއްވައި ނިމިވަޑައިގަތުމުން އިތުރު ސާހިބާصلّى اللّـه عليه وسلّمއަހަންނަށް ޙަދީޘުކުރެއްވިއެވެ. "أنسއެވެ. އެންމެން ކައިއަވަދިވެއްޖެއްޔާ ތަށިތައް ނަގާށެވެ. މަލީދާ ތަށީގައި މަލީދާ ގިނައީ އަހަރެން އެތަށި ބެހެއްޓިއިރުކަމެއް، ތަށި ނެގިއިރުކަމެއް އަހަންނަށް ބުނެދޭކަށެއް ނޭނގެއެވެ."
ފަރުދާގެ އާޔަތް ބާވައިލެއްވުން
أنس رضى اللّـه عنــهވިދާޅުވެފައިވެއެވެ. ކައުސާހިބާصلّى اللّـه عليه وسلّمތަށިތައް ނަގަން ޙަދީޘްކުރެއްވުމުން އަހަރެން ތަށިތައް ނަގައިފީމެވެ. ވަލީމާއަށް ވަޑައިގެންނެވި ބޭކަލުންކުރެ ތިންބޭކަލަކު ފިޔަވައި އެހެން ބޭކަލުން އެނބުރިވަޑައިގެންފިއެވެ. ނަމަވެސް ތިންބޭކަލަކު ތެދުވެވަޑައިނުގެން ވާހަކަފުޅުގައި މަޝްޣޫލުވެވަޑައިގެން ތިއްބެވިއެވެ. އެތައްއިރެއްވީއިރުވެސް އެނބުރި ވަޑައިގަންނަވާކަށެއް ނުއުޅުއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمލަދުފުޅުން އެތިންބޭކަލުންނާ ދިމާޔަށް ވަޑައިގަންނަވާށެކޭ ވިދާޅެއް ނުވިއެވެ.أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاވެސް އެބޭކަލުންނާ ދިމާޔަށް ފުރަގަސްދެއްވައިގެން ފާރާދިމާޔަށް އެނބުރި ވަޑައިގެން އިންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمތެދުވެވަޑައިގެންأمّ المؤمنين السّيّدة عائشة رضى اللّـه عنهاގެ ކޮޓަރިކޮޅާ ދިމާޔަށް ވަޑައިގެންފިއެވެ. ވާހަކަ ދައްކަވާން ތިއްބެވި ބޭކަލުންނަށް ވިސްނިވަޑައިގެން އެނބުރި ވަޑައިގަންނަވާތޯ ބެއްލެވުމަށްޓަކައެވެ. ނަމަވެސް އެ ތިންބޭކަލުން ހަމަތިއްބެވިގޮތަށް ވާހަކަފުޅުގައި ތިއްބެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއިރުކޮޅެއް ކޮށްލައްވައިފައި ވަޑައިގެންނެވިއިރުވެސް އެބޭކަލުން ތިއްބެވީ ވާހަކަފުޅުގައެވެ. އިތުރު ސާހިބާ އަނެއްކާވެސް އެނބުރިعائشةގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމުން އެތިންބޭކަލުންވެސް ތެދުވެވަޑައިގެން ވަޑައިގެންފިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެއަށް ވަޑައިގަތީ އެތިންބޭކަލުން އެނބުރި ވަޑައިގެންފި ވާހަކަ ދެންނެވުމުންނެވެ.
سورة الأحزابގެ 53 ވަނަ އާޔަތް ބާވައިލެއްވީ މި ޙާދިޘާއާ ވިދިގެންނެވެ. އެއާޔަތުގައި ވަނީ:
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކެއުމަކަށް އިޒުނަ ދެއްވުމުން މެނުވީ، އަދި ކެއުން ތައްޔާރުވެއްޖައުމަށްދާންދެން، އިންތިޒާރުކުރުމަކާނުލައި ނަބިއްޔާގެ ގޭގެއަށް ތިޔަބައިމީހުން ނުވަންނާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންނަށް ގޮވައިލައްވައިފިނަމަ، ފަހެ، ތިޔަބައިމީހުން ވަންނާށެވެ! އަދި ތިޔަބައިމީހުން ކައިއަވަދިވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ. (އެހެނީ) ހަމަކަށަވަރުން ތިޔަބައިމީހުންގެ އެކަމަކީ ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައި ވެތެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅު ގަނެތެވެ. ޙައްޤުގޮތް ބަޔާންކުރެއްވުމަށްاللّـهލަދުވެތިވެވޮޑިއެއް ނުގަންނަވަތެވެ. އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ ސުވާލު ކުރާށެވެ!"(الأحزاب:53)
މިއާޔަތް ބާވައިލެއްވުމަށްފަހު ކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކުގެ ދޮރުކޮޅުތަކުގައި ދޮރުފޮތިކޮޅު ދެންމެވިއެވެ. ހުއްދަ ހޯދުމަކާނުލައި އެކޮޓަރިތަކަށް މީހުން ވަދެއުޅުން މަނާވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ ގެކޮޅުތައް ނަމޫނާއަކަށް ބައްލަވައިގެން ޞަޙާބީންވެސް އެބޭކަލުންގެ ގެކޮޅުތަކުގައި ދޮރުފޮތިކޮޅު ދަންމަވަން ފެއްޓެވިއެވެ. ފަރުދާގެ އާޔަތް ބާވައިލެއްވުމުންأمّهات المؤمنينއެކަމަށް ވަރަށްބޮޑަށް ސަމާލުވެވަޑައިގެންނެވިއެވެ.أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއާ ދެބީނުންގެ ދެދަރި ބޭކަލެއްކަމުގައިވާفضل بن عبّاس رضى اللّـه عنهއާއި އެކަމަނާއާ ބޭބެއިންގެ ދަރިބޭކަލެއްކަމުގައިވާعبد المطّلب بن ربيعة بن الحاث رضى اللّـه عنه،އިތުރު ސާހިބާގެ ފައިންޕުޅު ދެކެވަޑައިގެންނެވުމަށް އެކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމުންأمّ المؤمنينއެބޭކަލުންނާވެސް ވާހަކަދެއްކެވީ ފަރުދާގެ ނިވަލުންނެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ހާޒިރުގައެވެ.
أمّ المؤمنين- ކައުސާހިބާގެ އަރިހުގައި
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاއާއި ކައުސާހިބާصلّى اللّـه عليه وسلّمގެ ޒަވާޖީ ޙަޔާތްޕުޅު ވޭތުވެފައިވަނީ ވަރަށް އޮމާންކޮށެވެ. އިތުރު ސާހިބާގެ އާދަފުޅަކީ ކޮންމެ ދުވަހެއްގެ ޢަޞުރުނަމާދަށްފަހު ހުރިހާ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކަށް ޒިޔާރަތް ކޮށްލެއްވުމެވެ. އިރުކޮޅަކު މަޑުކޮށްލައްވައި ޙާލުކޮޅު ބައްލަވައިލެއްވުމެވެ. މިގޮތުން ކުރައްވާ ޒިޔާރަތުގައިވެސް ހުރިހާ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުގައި ވަގުތު ހޭދަކުރައްވަނީ އެއްވަރަކަށެވެ.أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ކޮޓަރިކޮޅުގައި އެއްދުވަސްކޮޅަކު ތަންކޮޅެއް ގިނައިރުވާތީ،أمّ المؤمنين السّيّدة عائشة رضى اللّـه عنهاއެކަމުގެ ސަބަބު ހޯއްދެވުމުން އެނގިވަޑައިގަތީ،أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــهاގެ ކޮޓަރިކޮޅުގައި ތަންކޮޅެއް ލަސްފުޅުވަނީ މާމުއި ފަރީއްކުޅުއްވަންކަމެވެ.السّيّدة زينب بنت جحشގެ ތިމާގެފުޅު ބޭފުޅަކު އެކަމަނާއަށް ވެދުމަކަށް މާމުއި ފޮނުއްވީއެވެ. އެކަމަނާ އިތުރު ސާހިބާއަށް މާމުއި ފަރީއްކޮޅު އަރުއްވަނީއެވެ. މި ޙާދިޘާގެ ވާހަކަ އަޅުގަނޑު ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.أمّ المؤمنين السّيّدة حفصة بنت عمر رضى اللّـه عنــهاގެ ޙަޔާތްޕުޅުގެ ވާހަކައިގެ ތެރޭގައެވެ.
أمّهات المؤمنينމެދުގައިވެސް އިންސާނީ ޠަބީޢަތު ނިޔާކުރާގޮތުގެމަތީން ހަތުރަނބިކަނބަލުންގެ މެދުގައި އާދަވެގެން ހިނގާ ބާވަތުގެ ކުދިކުދި މައްސަލަތައް ހިނގައެވެ. އެފަދަ އެއް ޙާދިޘާއެއްގައިأمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها،أمّ المؤمنين السّيّدة صفيّة
رضى اللّـه عنــهاއަށް ޔަހޫދީ އަންހެނެކޭ ވިދާޅުވި ވާހަކަވެސް ސީރަތުގެ ޢިލްމުވެރީން ފާހަގަކުރައްވައެވެ.
أمّ المؤمنين السّيّدة صفيّة رضى اللّـه عنــهاގެ ޙަޔާތްޕުޅުގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ އެވާހަކަ ލިޔެފައެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنــها،އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ބައެއް ހަނގުރާމަތަކަށްވެސް ވަޑައިގެންނެވިއެވެ. އޭގެތެރެއިން މުއައްރިޚުން ޚާއްޞަގޮތެއްގައި ފާހަގަކުރައްވަނީ މައްކާ ފަތަޙަކުރެއްވުމާއި، ޙުނައިން ހަނގުރާމައާއި ޠާއިފުގެ ހަނގުރާމައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައިحجّة الوداعއަށްވެސްالسّيّدة زينبވަޑައިގެންނެވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ ވަދާޢީ ޚުޠުބާ ވަރަށް ސަމާލުކަން ދެއްވައިގެން އަޑުއެއްސެވިއެވެ. ހިތްޕުޅުގައި ނަކަލުކުރެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمޙައްޖުގެ ކަންތަކުން ނިމިވަޑައިގެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ޙަދީޘު ކުރެއްވިއެވެ. ތިޔަބޭކަނބަލުން މިއަހަރަށްފަހު ތިޔަބޭކަނބަލުންގެ ގޭގައި ތިއްބަވާށެވެ. ޙިޖާބުގެ ކަންތަކަށް ސަމާލުވެވަޑައިގަންނަވާށެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވުމަށްފަހުأمّ المؤمنينالسّيّدة زينب بنت جحش رضى اللّه عنهاއާއިأمّ المؤمنينالسّيّدة سودة بنت زمعة رضى اللّه عنهاއެއަމުރުފުޅަށް ވަރަށްބޮޑަށް ސަމާލުވެވަޑައިގެންނެވިއެވެ. އެދެބޭކަނބަލުން ވިދާޅުވިއެވެ. އިތުރު ސާހިބާއަށްފަހު އެއްވެސް ސަވާރީއަކަށް އަހަރެމެން ހަރަކާތްތެރިއެއް ނުކުރެވޭނެއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އެހެނިހެން އަނބިއަނބިކަނބަލުން ޙައްޖު ދަތުރުކުރައްވައި އުޅުއްވިއިރުވެސް އެ ދެބޭކަނބަލުން ޙައްޖަކަށް ވަޑައެއްނުގަންނަވައެވެ.مدينة الرّسولން ބޭރަށް ނިކުމެވަޑައިނުގެން، ކައުސާހިބާصلّى اللّـه عليه وسلّمގެ އަމުރުފުޅާ އެއްގޮތަށް ގޭގައި ތިއްބެވީއެވެ.
ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވުން
ކައުސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރައްވައިފައިވާ ގޮތުގައި، އެމާތް ސާހިބާއަށް އަމުރުވެވިގެންވަނީ ސުވަރުގެވަންތަ އަންހެނުންނާ ކާވެނި ބައްލަވައިގެންނެވުމަށެވެ. އެހެންކަމުން އެމާތް ސާހިބާގެ ކޮންމެ އަނބިކަނބަލަކީވެސް ސުވަރުގެވަންތަވެރި ބޭކަނބަލެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ނުވަ އަނބިކަނބަލުން އެއްތަނެއްގައި ތިއްބަވަނިކޮށް އެއްދުވަހަކު އެބޭކަނބަލުންނާ މުޚާޠަބުކުރައްވައި ޙަދީޘު ކުރެއްވިއެވެ.
"أَسْرَعُكُنَّ لِحَاقً بِى اَطْوَلُكُنَّ يَدًا"
ތިޔަބޭކަނބަލުންގެ ތެރެއިން އެންމެކުރީން ތިމަންކަލޭގެފާނާ ބައްދަލުވެވަޑައިގެންނެވޭނީ އެންމެ އަތްޕުޅު ދިގު ބޭކަނބަލަކަށެވެ."
(ނުނިމޭ)