02 May 2016, 10:56
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ 50 މިލިއަން ރުފިޔާގެ "އެސްއެމްއީ" ލޯނުގެ އިވެލުއޭޝަންގެ 80 ޕަސެންޓް ނިމިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރިން ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް އިވެލުއޭޝަންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިއަދު ސަން އަށް ވިދާޅުވީ، ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކުރިން ލަފާކުރި މުއްދަތަށް މަސައްކަތް ނިމިފައިނުވާކަމަށާއި މިހާތަނަށް އިވެލުއޭޝަންގެ 80 ޕަސެންޓްވަނީ ނިމިފައި ކަމަށެވެ.
އޭނާ ވިދާޅުވީ، އުންމީދަކީ މިމަހު ކުރީކޮޅު އިވެލުއޭޝަން ނިންމައި ލޯނު ލިބޭ ފަރާތްތައް އިއުލާނުކުރެވި މިމަސް ނިމެންވާއިރަށް ލޯނު ދޫކުރަން ފެށުން ކަމަށެވެ.
އެ ލޯނަށް 445 ފަރާތަކުން ވަނީ އެދިފައެވެ.
ލޯނު ދޫކުރެވޭނީ ކިތަށް ފަރާތަށްތޯ ނިންމާވާނީ އިވެލުއޭޓް ކުރުމަށްފަހުއެވެ. ޖުމުލަ ދޫކުރާނީ 50 މިލިއަން ރުފިޔާއަށް ވާވަރަށެވެ.
އެސްއެމްއީ ލޯނަށް އެދޭ އަމިއްލަ ފަރުދަކަށް އެންމެ ގިނަވެގެން 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ގިނަ ބަޔަކު ހިއްސާވާ ވިޔަފާރިތަކަށް ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 1.5 މިލިއަން ރުފިޔާ އެވެ.
ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާއި ކޯޕަރޭޓިވްތަކާއި ހިދުމަތްދޭ ފަރާތްތަކާއި ވޭސްޓްމެނޭޖްމަންޓް ދާއިރާ ހިމެނެ އެވެ.