02 May 2016, 10:26
ކެންސަރާ މެދު ރައްޔިތުންގެ މެދުގައި އަދި ވެސް ހޭލުންތެރިކަން ކުޑަ ކަމަށް ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ކެންސަރު ސޮސައިޓީގެ ކޯ ފައުންޑަރު ހުސައިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ، އުޅުމާއި ގުޅުން ބަދަލުކޮށްލުމުން ބައެއް ކަހަލަ ކެންސަރުތަކުން ރައްކާތެރިވެވޭ ކަމަށާއި ނަމަވެސް އެފަދަ ކެންސަރުތައް ރާއްޖޭގައި އިތުރުވަމުން އަންނަ އައުމުން ދައްކުވައިދެނީ ރައްޔިތުން އަދިވެސް ކެންސަރަށް ހޭލުންތެރި ނޫން ކަމަށެވެ.
"ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އަދި ވެސް ކުޑަކަމަށް އަޅުގަނޑަށް ދެންނެވޭނީ. މިސާލަކަށް ބައެއް ކަހަލަ ކެންސަރަކީ އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބަދަލުކޮށްލަނިކޮށް ކެންސަރު ނުޖެހި ސަލާމަތް ވެވޭނެ، ނޫނީ ކުރީބައިގައި ފަރުވާ ދެވިއްޖެ ނަމަ ސަލާމަތް ވެވޭނެ ބައެއް ކަހަލަ ކެންސަރުތައް އެބަހުރި،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްޔާ މެދު ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ސަބަބުތަކާއި ކެންސަރުން ދުރުވުމަށް އަމަލުތައް ބައްޓަން ކުރާނެ ގޮތުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހުސައިން ރަޝީދު ވަނީ ވިދާޅުވެފަ އެވެ.
"މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމާ، ދުފުމުގެ އާދަތައް މަދު ކުރުމާއި އަޅުގަނޑުމެން ބޭނުންކުރާ ބައެއް ކަހަލަ ކާނާގެ ބާވަތްތައް މަދު ކުރުމާއި ފިޒީ ޑްރިންކްސް މަދުކުރުމާއި ކަސްރަތު އިތުރު ކުރުން." އޭނާ ވިދާޅުވި އެވެ.
ހުސައިން ރަޝީދު ވިދާޅުވީ ކެންސަރަށް ރައްޔިތުން ހޭލުންތެރި ކުރެވޭނީ ސަރުކާރާއި އެންޖީއޯތައް ގުޅިގެން ބާރު ސްޕީޑެއްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގައިގެން ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ގުޅިގެން ކަލެކްޓިވްލީ މުޅި ރާއްޖޭގައި އެއް ފަހަރާ ޕްރޮގްރާމެއް ޖެއްސިއްޖެ ކަމުގައިވާ ނަމަ ނަތީޖާ ރަނގަޅު ވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރަޝީދު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ރާއްޖޭގައި ކެންސަރު ޖެހިފައި ތިބި މީހުންގެ އަދަދާއި ކެންސަރު އެންމެ ގިނައިން ފެންނަ ސަރަހައްދުތަކާއި އަދި ވެސް އެފަދަ މައުލޫމާތުތައް ހިމެނޭ ގޮތުން ދިރާސާއެއް ކުރެވިފައި ނެތުން ކަމަށެވެ.
ނަމަވެސް ކެންސަރު ސޮސައިޓީ އިން މިހާތަނަށް އެއްކޮށްފައިވާ ތަފާސް ހިސާބުތައް ހިމަނާލައިގެން ކޮންމެސް ވަރެއްގެ ދިރާސާއެއް އެކުލަވާލެވިދާނެ ކަމަށާއި ނަމަވެސް އެންމެ ފުރިހަމަ ދިރާސާއެއް ކުރުމަށް ދެތިން އަހަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކެންސަރުގެ ހާލަތު ދެނެގަތުމަށް ކެންސަރާ ބެހޭ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.