ބްރެސިލިއާ(މޭ 2): ކުރިން ހީކުރި ވަރަށް ވުރެ ޒިކާ ވައިރަހުގެ ނުރައްކާ ބޮޑު ކަމަށް ބްރެޒިލްގެ ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ޒިކާ ވައިރަސް ދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރުންނާ ހަވާލާދީ ބީބީސީގައިވާ ގޮތުން ޒިކާ ވައިރަސް ޖެހޭ ކޮންމެ ފަސް މާބަނޑު އަންހެނުންގެ ތެރެއިން އެކެއްގެ ދަރިފުޅަށް ނުރައްކާތެރި ނާރުގެ ބަލިތަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ޒިކާ ވައިރަސް ފެތުރުން ހުއްޓުވާނެ ގޮތްތަކާ ބެހޭ ގޮތުން ބްރެޒިލްގެ ރައްޔިތުން ހޭލުންތެރި ކުރުވުމާ ގުޅިގެން އެގައުމުގައި ޒިކާ ފެތުރޭ މިންވަރު ވަނީ ދަށްވެފަ އެވެ.

ނަމަވެސް، ޒިކާ ވައިރަސް ދަނީ މިހާރުވެސް އެސަރަހައްދުގައި ފެތުރެމުންނެވެ. އަދި ޒިކާއަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް އޮތީ އޭގެ އެންމެ ފުރަތަމަ ސްޓޭޖުތަކުގަ އެވެ.

ތުއްތުކުއްޖާގެ ސިކުނޑިއާއި ބޮލުގެ ނާށިގަނޑު ރަނގަޅަށް އާލާނުވެ އުފަންވުމަށް ކިޔާ ކޮންޑިޝަންއެއް ކަމަށްވާ މައިކްރޯސެފަލީއާ ޒިކާ ވައިރަހާ ގުޅުމެއްވާ ކަމަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ގަބޫލު ކުރައްވަ އެވެ.

މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހޭ އަންހެނުންގެ ތެރެއިން އެއް ޕަސެންޓް އަންހެނުންގެ ދަރިފުޅަށް މައިކްރޯސެފަލީ ޖެހުން ގާތް ކަމަށް ޑޮކްޓަރުން ވަނީ މީގެ ކުރިން ލަފާ ކޮށްފަ އެވެ. މިހާރު ބްރެޒިލްގެ ޑޮކްޓަރުން ވަނީ މާބަނޑު ދުވަސްވަރު ޒިކާ ވައިރަސް ޖެހޭ އަންހެނުންގެ ތެރެއިން 20 ޕަސެންޓު އަންހެނުންގެ ދަރިފުޅުގެ ސިކުނޑިއަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ޒިކާ ވައިރަސް ޖެހޭ މީހުންގެ ތެރެއިން ވައިރަހުގެ އަލާމާތްތައް ފެންނަނީ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެއް މީހެއްގެ ގައިންނެވެ. ޒިކާ ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ގައިގައި ރަތް ކުލައިގެ ބިހި ނެގުމާއި ބޮލުގައި ރިއްސުމާއި ލޯބަލި ޖެހުމާއި ގައިގައާއި ހުޅުހުޅުގައި ރިއްސުން ފަދަ އާދައިގެ އަލާމާތްތަކެވެ. (ބީބީސީ)