ބާޒާރުމަތީ ފިހާރައަކުން ލުނބޯ ބަސްތާއެއް ވަގަށް ނަގައިގެން ފިލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ބާޒާރުމަތީ ފިހާރައަކުން ލުނބޯ ބަސްތާއެއް ވަގަށް ނަގައިގެން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އެ ސައިކަލުގެ ފަހަތުން އައި މީހަކު އެއްލި ފޮށިގަނޑަކުން ޖެހި އެ ދެ މީހުން ވެއްޓުމުން، ސައިކަލާއި ލުނބޯ ބަސްތާ ދޫކޮށްލާފައި ފިލަން ދުވެފައިދަނިކޮށް ޖަސްޓިސް ބިލްޑިންގް ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ދެ މީހުން ދުއްވާފައި ދިޔަ ސައިކަލަކީ ވަގަށް ނަގައިގެން ދުއްވި ސައިކަލެއްކަމަށް ބެލެވޭތީ އެ ސައިކަލު ވެސް މިހާރު ޓޯކޮށްފައިވާ ކަމަށެވެ.

ދެ މީހުންގެ ތެރެއިން 24 އަހަރުގެ މީހާ އަކީ މުދަލަށް ގެއްލުންދިނުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި 35 އަހަރުގެ މީހާއަކީ މާރާމާރީ އާއި ފޭރުމުގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.