02 May 2016, 11:16
އިންޑިއާގައި އުފެދުނު އެންމެ ނުރައްކާތެރި ގޭންގް ސްޓާރު އަދި މިހާރު ވިޔަފާރިވެރިޔާ މުތައްޕާ ރާއީގެ މައްޗަށް ފިލްމެއް ހަދަން ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާ ނިންމައިފި އެވެ.
ފިލްމު، "ސަތްޔާ"ގެ ޑައިރެކްޓަރު ބުނީ، މުތައްޕާ ރާއީގެ ދިރިއުޅުމުގެ މައްޗަށްހަދާ ފިލްމު، "ރާއީ" އަކީ މިހާތަނަށް އޭނާ ހަދާނެ އެންމެ އަގުބޮޑު ފިލްމު ކަމަށެވެ. އެގޮތުން އެ ފިލްމަށް 55 ކުރޯޑް ރުޕީސް ހަރަދުވާނެ ކަމަށް އޭނާ ބުނެއެވެ.
"އެންމެ ބޮޑު ގޭންގް ސްޓާރު، އަންޑާވޯލްޑް ޑޮން މުތައްޕާ ރާއީގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމުގެ ފުރަތަމަ ފެނިލުން މިއޮތީ،" ފިލްމުގެ ފުރަތަމަ ފެނިލުން ރިލީޒްކުރުމަށްފަހު ވަރްމާ ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ފިލްމު "ރާއީ"ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މެންގަލޯ، ބެންގަލޫރު، މުމްބާއީ، ދުބާއީ ގެ އިތުރުން ލަންޑަން އަދި ކަޒިކިސްތާނުގައެވެ. އަދި އެ ފިލްމު ތިން ބަހަކުން ޑަބްކުރާނެ އެވެ.
ފިލްމުގައި މުތައްޕާގެ ރޯލުން ފެނިގެންދާނީ، ގޯޕާލް ޑައިރެޓްކޮށްފައިވާ ފިލްމު، "ގޯޕާލް" އިން ފިލްމީ ދާއިރާއަށް ނުކުތް ވިވެކް އޮބްރޯއީ އެވެ. ނަމަވެސް އިތުރު ތަރިންތަކެއް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ގޯޕާލް މިދުވަސްކޮޅު އަވަދިނެތި އުޅެނީ، އިންޑިއާގެ މަޝްހޫރު ވަގު ވީރައްޕަންގެ މައްޗަށް ހަދާފައިވާ ފިލްމު، "ވީރައްޕަން" ރިލީޒްކުރުމުގައެވެ. އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.