02 May 2016, 09:19
މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ބޭނުން ކުރެވޭ އެކައްޗަކަށް ހަކުރު ވާނެ އެވެ. ދުނިޔޭގެ ބާޒާރުން ލިބެން ހުންނަ ގިނަ އަދަދެއްގެ ކާނާގެ ބާވަތްތަކުގައި ހާއްސަކޮށް ބަންދުކޮށްފައި ހުންނަ ބާވަތްތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވެ އެވެ.
އެހެންކަމުން ކޮންމެ ދުވަހަކު ވެސް އެތައް ކިލޯއެއްގެ ހަކުރު އިންސާނުންނަށް ބޭނުން ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ސިއްހީ އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހެ އެވެ. ނުރައްކާތެރި އެތައް ބައްޔެއްގެ ޝިކާރައަކަށްވެ އެވެ. މުޅި އުމުރު ދުވަހު ބޭސް ކާން ވެސް ޖެހޭ ފަހަރު ވެސް އާދެ އެވެ.
އެހެންކަމުން ހަކުރު ބޭނުން ކުރާ މިންވަރު މަދު ކުރަން ޖެހެ އެވެ. ނުވަތަ ހަކުރު އެކުލެވޭ އުފެއްދުންތައް ވީހާ ވެސް ބޮޑަށް މަދު ކުރަން ޖެހެ އެވެ.
ހަކުރު ބޭނުން ކުރުން ހުއްޓާލީމަ ވާ ގޮތްތަކަށް ބަލާލާނަމެވެ.
ދަތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
ހަކުރު ބޭނުން ކުރާ ނަމަ އަނގަ ތެރޭގައި ތަފާތު ވައްތަރުގެ ޖަރާސީމު އާލާވެ އެވެ. އޭގެ ސަބަބުން ދަތްތަކާއި ހިރުގަނޑު ހަލާކުވެ އެވެ. އަދި ހަކުރު ބޭނުން ކުރާ މިންވަރު އިތުރު ވާވަރަކުން ދަތްތަކާއި ހިރުގަނޑު ހަލާކުވުން އަވަސްކޮށްދޭނެ އެވެ.
ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭ
ހަކުރު ބޭނުން ކުރާ މިންވަރު މަދުކޮށްފި ނަމަ ކާނާ ހަޖަމު ކުރުމަށް ފަސޭހަކޮށްދެ އެވެ. އޭގެ ސަބަބުން ފާހާނާ ކުރުމަށް ދަތިވާ މައްސަލަ އާއި ގޮހޮރުގެ މައްސަލަތައް ދިމާވުން މަދުކޮށްދޭނެ އެވެ.
ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
އެމެރިކަން ހާޓް އެސޯސިއޭޝަނުން ކުރި ދިރަސާ އަކުން ދައްކާ ގޮތުގައި ހަކުރު ބޭނުން ކުރާ މިންވަރު މަދުކޮށްފި ނަމަ ހިތް ހުއްޓުމުގެ ފުރުސަތު ކުޑަކޮށްދޭނެ އެވެ. ސަބަބަކީ، ހަކުރަކީ ހިތުގެ ބަލިތަކާ ގުޅިފައިވާ އެއްޗަކަށް ވަތީ އެވެ.
ހަމުގެ ދުޅަހެޔޮ ކަން އިތުރުކޮށްދޭ
ހަކުރު ބޭނުން ކުރާ ނަމަ ހަންގަނޑު ކުރަކިވުމުގެ ފުރުސަތު ބޮޑެވެ.
ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދޭނެ
ހަކުރު އެކުލެވޭ ކާނާގައި ކާބޯހައިޑްރޭޓާއި ފެޓް އަދި ކެލޮރީސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އޭގެ ސަބަބުން ބަރުދަން އިތުރުކޮށްދެ އެވެ.
އެހެންކަމުން ހަކުރު އެކުލެވޭ ކާނާ ވީހާވެސް ބޮޑަކަށް މަދު ކުރާށެވެ. އަދި ސިއްހީ ގޮތުން ދިމާވާ އެހެނިހެން މައްސަލަތައް މަދު ކުރުމަށް ވެސް ހަކުރު ބޭނުން ކުރާ މިންވަރު މަދު ކުރާށެވެ.
މައުލޫމާތު: 1 މިލިއަން ހެލްތު ޓިޕްސް