02 May 2016, 05:15
ކ. މާފުށީ ޖަލުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދެއްގައި އަލިފާން ރޯވެ، އެތަނާ އިންވެގެން ހުރި ތަންތަނަށް އަލިފާން ފެތުރި އަނދައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 2:30 އެހާކަންހާއިރު، މާފުށީ ޖަލުގެ މުވައްޒަފުން ދިރިއުޅޭ ބްލޮކް ފަހަކާ އިންވެގެން ހުރި ހަތަރު ތަނެއްގަ އެވެ.
މާފުށީ ޖަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި ހުރި ތަނެއްގައި ރޯވެ އަނދާފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ސަންއަށް އެނގިފައިވާ ގޮތުގައި އެތަންތަނަށް އަލިފާންގަނޑު ފެތުރުނީ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގައިދީންގެ ފިހާރާގައި އަލިފާން ރޯވުމުންނެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި ތަންނަތަށް ފެތުރި މުވައްޒަފުން ދިރިއުޅޭ ބްލޮކްގައި ރޯވެ، އަނދާފައިވެ އެވެ. އަނދައިގެން ދިޔަ ތަނަކީ ކަރެކްޝަނަލް ސާވިސްގެ 16 އޮފިސަރަކު ދިރިއުޅޭތަނެކެވެ. އެ ހާދިސާގައި މުވައްޒަފުންގެ ކޯޕަރޭޓިވް ފިހާރަ ވެސް އަނދައި ހުލިވެފައިވާ ކަމަށްވެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު "ސަން"އަށް ދެންމެ ވިދާޅުވީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މިރޭ މެންދަމު 3:26 އެހާކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ މާފުށީ ޖަލުގެ މުވައްޒަފުން ދިރިއުޅޭ ބައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް، ނިއްވާލާފައިވާ ކަމަށާއި އަލިފާން ނިއްވާލީ ކަރެކްޝަނަލް ސާވިސްގެ އަލިފާން ނިއްވާ މީހުންނާއި އެތަނުގެ މުވައްޒަފުން ގުޅިގެން ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވި ކަމުގައިވިޔަސް، އެތަނުގެމުވައްޒަފުންގެ ވަރަށް ގިނަ އެއްޗެހިތަކެއް ވަނީ އަނދައި ހުލިވެގެންގޮސްފަ އެވެ.