01 May 2016, 19:41
ސްރީލަންކަން އެއާވޭސްގެ ފަރާތުން އޭވިއޭޝަނާއި ގުޅުންހުރި ދާއިރާތަކުން ކިޔަވައިދިނުމަށް ހިންގާ ސްރީލަންކަން އޭވިއޭޝަން ކޮލެޖުން މާލޭގައި ހިންގަމުން އައި ގޮފި އަނެއްކާވެސް ހުޅުވުމަށް ނިންމާފައިވާކަން އެ ކޮލެޖުން ބުނެފި އެވެ.
ސްރީލަންކަން އޭވިއޭޝަން ކޮލެޖުން 2012 ވަނަ އަހަރު ވަނީ، އެ ކޮލެޖުގެ ގޮތްޕެއް މާލޭގައި ހުޅުވައި، އެތަނުން ޚިދުމަތް ދޭން ފަށައިފަ އެވެ. ނަމަވެސް ހިންގުމުގެ ބައެއް ސަބަބުތަކާ ހެދި، މިދިޔަ އަހަރުގެ ފަހުކޮޅު އެކޮލެޖުން ވަނީ މާލެ ގޮފީގެ ޚިދުމަތް ދިނުން ހުއްޓާލައިފަ އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން، ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ފަރާތުން ނަދީޝާ އަމަރަސިންހަ ވިދާޅުވީ، އެ ކޮލެޖުގެ މާލެ ގޮފީގެ ޚިދުމަތް ދިނުން މީގެ ކުރިން ހުއްޓާލީ، ރާއްޖޭގެ ޕާޓްނަރުގެ ހައިސިއްޔަތުން އެކޮލެޖާ އެކު މަސައްކަތް ކުރަމުން ދިޔަ ކުންފުނީގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހި، އާ ޕާޓްނަރެއް ހޯދުމަށް ކަމަށެވެ.
ނަދީޝާ ވިދާޅުވީ، އެ ކޮލެޖާ ގުޅިގެން މާލޭގައި މަސައްކަތް ކުރާނެ ރަނގަޅު ދިވެހި ކުންފުންޏެއް ލިބިފައިވާ ކަމަށާއި، ޕާޓްނަރުގެ ހައިސިއްޔަތުން އެކުންފުންޏާ އެކު މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަން މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ބުނީ، ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ޓީމެއް މާލެ އައިސް، ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ކޮލެޖުން މަސައްކަތް ކުރަމުން ދަނީ މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ މާލެ ގޮފި އަލުން ހުޅުވައި، އެތަނުގެ ޚިދުމަތްތައް ދޭން ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ މާލެ ބްރާންޗުން ހުށަހަޅާ ކޯސްތަކުގެ ތެރޭގައި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އެއާލައިން ކެބިން ކްރޫ ކޯހާއި، އިއާޓާ ޓްރެވަލް އެންޑް ޓޫރިޒަމް ފައުންޑޭޝަން ކޯހާއި، ކާގޯ އިންޓްރޮޑަކްޓަރީ ކޯހާއި، އެއާޕޯޓް ޕެސެންޖާ ހެންޑްލިންގ ފައުންޑޭޝަން ކޯހާއި، ޑޭންޖަރަސް ގުޑްސް ރެގިއުލޭޝާންސް ކޯހުގެ އިތުރުން، ސެޓްފިކޭޓް ޕްރޮގްރާމް އިން އޭވިއޭޝަން ފަންޑަމެންޓަލްސް ހިމެނެ އެވެ.