01 May 2016, 19:47
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް މިދިޔަ އަހަރު ލިބުނު ފައިދާ 317 ޕަސަންޓަށް އިތުރުވެއްޖެ އެވެ. އެ ބޭންކަށް މިދިޔަ އަހަރު ވަނީ 101،454،309 ރުފިޔާގެ ފައިދާ ލިބިފަ އެވެ.
އެމްއެމްއޭއިން އާންމުކުރި އެ ބޭންކުގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާންތަކުން ދައްކާ ގޮތުގައި، އެ ބޭންކަށް ނެޓް ޕްރޮފިޓް ނުވަތަ ސާފު ފައިދާގެ ގޮތުގައި 101 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ. 2014 ވަނަ އަހަރު އެމްއެމްއޭއަށް ލިބުނު ސާފު ފައިދާގެ އަދަދަކީ 24 މިލިޔަން ރުފިޔާ އެވެ. މި ދެ އަދަދު އާޅާ ކިޔާ އިރު، މި އަހަރުގެ ފައިދާއަކީ 2014 ވަނަ އަހަރުގެ ފައިދާއަށް ވުރެ 317 ޕަސަންޓު އިތުރު އަދަދެކެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެބޭންކު ހިންގައިގެން 2015 ވަނަ އަހަރު 69.3 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައި ވެ އެވެ. 2014 ވަނަ އަހަރު އެމްއެމްއޭ ހިންގައިގެން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 64.6 މިލިޔަން ރުފިޔާ އެވެ.
އެމްއެމްއޭ ހިންގުމަށް 2015 ވަނަ އަހަރު 106.3 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާ އިރު، އެ އަދަދު 2014 ވަނަ އަހަރު ހުރީ 98.6 މިލިޔަން ރުފިޔާގަ އެވެ.
މިދިޔަ އަހަރު މާލީ ގޮތުން އެމްއެމްއޭއަށް ލިބުނު ގެއްލުން ވަނީ 77.9 ޕަސަންޓު ދަށް ކޮށްފަ އެވެ. އެމްއެމްއޭއަށް 2014 ވަނަ އަހަރު 163.3 މިލިޔަން ރުފިޔާގެ ގެއްލުން ވި ނަމަވެސް އެ އަދަދު މިދިޔަ އަހަރު ވަނީ 36.9 މިލިޔަނަށް ދަށް ކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ހާލަތަށް ބަލާ އިރު، ފަތުރުވެރިކަން އޭގެ ކުރީ އަހަރާ ބަލާއިރު ވަނީ ދެ ޕަސަންޓު ކުރި އަރައިފަ އެވެ. އިމާރާތް ކުރުމުގެ ދާއިރާ 40 ޕަސަންޓު ކުރި އެރި ނަމަވެސް، މަސްވެރިކަން ވަނީ 10 ޕަސަންޓަށް ދަށް ވެފަ އެވެ.
އަހަރީ ރިޕޯޓުގައި ލިޔުއްވި ބަޔާނުގައި، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، އުންމީދު ކުރި ވަރަށް ވުރެ ދަށްކޮށް ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ފެނިފައި ވަނީ، ފަތުރުވެރިކަން ދަށްވުމުގެ ސަބަބުން ކަމަށް ކަމަށެވެ.
"މިދިޔަ އަހަރު އިގްތިސާދު އުންމީދު ކުރި ވަރަށް ވުރެ ދަށްވީ، ދަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކުގެ ސަބަބުން. ފަތުރުވެރިން ރާއްޖެ އައި ނިސްބަތް ވަރަށް ކުޑަކޮށް އިތުރުވި ނަމަވެސް، އިގްތިސާދު ކުރި ނޭރީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު އެވަރޭޖްކޮށް ކުރު ވާތީ،" އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ، އިގްތިސާދު ކުރިއެރީ، ފައިނޭންޝަލް ސެކްޓަރުގެ މަސައްކަތްތައް ކުރިއަރައިގެން ދިއުމުން ކަމަށެވެ.
"މިދިޔަ އަހަރު ބޭންކިންގ ސިނާއަތުގެ މަސައްކަތްތައް ރަނގަޅުވެގެން ދިޔައީ. އެސެޓް ކޮލިޓީއާއި، އަމިއްލަ ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި ގައުމަށް ބޮޑެތި އިންވެސްޓުމެންޓުތައް އައުން ފަދަ ކަންކަމާ ގުޅިގެން މިކަންކަން ރަނގަޅުވީ،" އަޒީމާ ވިދާޅުވި އެވެ.