02 May 2016, 08:51
އިންޑިއާގައި ހޫނުމިން މައްޗަށް ގޮސް، އެ ގައުމުގައި އޮންނަ ގަންގާ ކޯރުގެ ފެންގަނޑު ހިނދެމުން ދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އިންޑިއާގެ ގަންގާ ކޯރާއި ސަރަސްވަތީ ކޯރާއި ޔަމުނާ ކޯރު ގުޅޭ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުން ބުނާ ގޮތުގައި، ގަންގާ ކޯރުގެ ފެންގަނޑު ހިނދުމަކީ، އެ ސަރަހައްދުގެ މުހިންމުކަން ގެއްލުމުންދެ އެވެ.
"ކޯރުގައި ފެނެއް ނެތް. ކޯރުގެ އެއްކޮޅުން އަނެއް ކޮޅަށް ހިނގާލާފައި އެބަ ދެވޭ މީހުންނަށް. ފެންގަނޑު ހިނދިފައި އޮތް ވަރު ބޮޑު ކަމުން އަހަރެމެން މިތިބީ ވަރަށް ކަންބޮޑުވެފައި،" އޭނާ ބުންޏެވެ.
އިންޑިއާގައި އާދަޔާ ޚިލާފަށް ހޫނު ގަދަވަމުން ގޮސް، ގުދުރަތީ ގޮތުން ފެން ލިބޭ ގޮތްތައް ނެތެމުން ދާ އިރު، އެގައުމުގެ ބައެއް ސަރަހައްދުތަކުގައި ފެން ރައްކާ ކުރުމާއި ފެން ބޭކާރު ނުކުރުމަށް ގޮވާލައި، އެކަމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ދަނީ ހިނގަމުންނެވެ.
އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 45 ޑިގްރީއަށް އަރާފައިވާ އިރު، މިކަމާ ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި 150 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.
މޭ މަހާއި ޖޫން މަހަކީ، އިންޑިއާއަށް އެންމެ ހޫނުގަދަ ދެ މަހަށް ވީ ނަމަވެސް، ނިމިދިޔަ އޭޕްރިލް މަހު ވެސް ހޫނުމިން ވަނީ އެގައުމުގައި ރިކޯޑު މިންވަރަށް މައްޗަށް ގޮސްފަ އެވެ.