09 May 2011, 08:12
ޤާހިރާ : މިސްރުގެ ޖީޒާގައި ރޭ މުސްލިމުންނާއި ޤިބްތީ ނަސާރާއިންގެ މެދުގައި ހިނގި ކުރިމަތިލުންތަކެއްގައި 10 މީހަކު މަރުވެ 186 މީހަކު ޒަޚަމްވެއްޖެއެވެ.
މިސްރުގެ ރަސްމީ ޓީވީ ޚަބަރުދޭގޮތުގައި މިކުރިމަތިލުންތަކުގެ ސަބަބުން މުޅި މިސްރަށްވަނީ ސިހުން ލިބިފައެވެ. ޖީޒާގެ އިންބާބާ އަވަށުގައި ހިނގި މިކުރިމަތިލުންތަކާ ގުޅިގެން ވަގުތީ ބޮޑުވަޒީރު ޑޮކްޓަރ ޢިސާމް ޝަރަފްވަނީ ބަޙްރައިންއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއް ފަސްކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައެވެ.
މިސްރު ސަރުކާރުގެ ތަރްޖަމާން އަޙްމަދުއައްސަންމާން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޖީޒާގެ ހަމަނުޖެހުންތައް އުފެދުނީ އިސްލާމްދީން ޤަބޫލުކުރި ޤިބްތީ ނަސާރާ އަންހެނަކަށް އަދަބު ދިނުމުގެ ގޮތުން ޤިބްތީންގެ ހަރުކަށި ބަޔަކު އޭނާ ހައްޔަރުކޮށްފައިވާތީ އޭނާ މިނިވަންކުރުމަށް ގޮވާލައި މުސްލިމުންގެ ސަލަފީ ޚިޔާލުގެ ބަޔަކު އިންބާބާގައި ހުންނަ ގިބްތީންގެ މަރްމީނާ ފައްޅި ޙިސާރު ކުރުމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ސަލަފީންގެ ބަޔަކު މަރްމީނާ ފައްޅި ޙިސާރު ކުރުމުން އެމީހުންނާއި ގިބްތީ ނަސާރާއިންނާ ދެމެދު ތަޅާފޮޅުންފެށި އެންމެފަހުން ބަޑިބޭނުންކޮށްގެން ހަތިޔާރުގެ ވަރުގަދަ ކުރިމަތިލުމެއް ދެފަރާތުގެ ދެމެދުގައި ހިނގި ކަމަށް ޚަބަރުލިބެއެވެ.
އެއާއެކު މަރްމީނާ ފައްޅީގައި އަލިފާންރޯވި މަންޒަރުވެސް ފެނިގެން ދިޔައެވެ. މިކުރިމަތިލުންތަކުގައި މަރުވެ ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންކަން ނުވަތަ ގިބްތީންކަން އަދި ހާމަވެފައެެއް ނުވެއެވެ. ނަމަވެސް މަރްމީނާ ފައްޅީގައި ރޯވި އަލިފާންގަނޑުން ގިބްތީ ނަސާރާއިން ސަލާމަތް ކުރުމަށް މުސްލިމުންގެ ބަޔަކު ފުރާނަ އަތްމައްޗަށްލައިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރި ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްލާމް ދީން ޤަބޫލުކުރި ޤިބްތީ އަންހެންމީހާ އަކީ ކެމީލިޔާ ޝައްޙާތާއެވެ. އޭނާ އިސްލާމްދީން އިޚްތިޔާރު ކުރުމުން ޤިބްތީންގެ ފާދިރީންގެ ބަޔަކު އޭނާ ހައްޔަރުކޮށް އިސްލާމް ދީން ދޫކޮށްލުމަށް އޭނާއަށް ގަދަބާރުން މަޖްބޫރު ކުރުވި ކަމަށްބުނާ މައްސަލައަކާ ގުޅިގެން މީގެ ކުރިންވެސް މިސްރުގެ ޤިބްތީންނާއި މުސްލިމުންގެ މެދުގައި މީގެ މަސްތަކެއްކުރިންވެސް ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.
މިސްރަކީ ގާތްގަނޑަކަށް 84 އިންސައްތަ މުސްލިމް ޤައުމެކެވެ. މފަހަކަށް އައިސް މިމައްސަލަ ގޯސްވެ މުސްލިމުންގެ ބައެއްމީހުންގެ ރުޅިވެރިކަން ކޮޅުންލައިގެން ދިޔައީ އިސްލާމް ދީންޤަބޫލު ކުރުމާގުޅިގެން ޤިބްތީ ފާދިރީންގެ ބަޔަކު ހައްޔަރުކުރި ކަމަށްބުނާ ކެމީލިޔާ، ޤިބްތީންގެ ޓީވީ ސްޓޭޝަނެއް މެދުވެރިކޮށް އޭނާއަކީ ޤިބްތީއެއް ކަމަށާއި އިސްލާމް ދީން ޤަބޫލުނުކުރާ ކަމަށް ބުނެ ބަޔާނެއް ދިނުމުގެ ސަބަބުންނެވެ.
މިއީ މަޖްބޫރުކޮށްގެން އޭނާލައްވައި ޤިބްތީ ފާދިރީންގެ ހަރުކަށި ބަޔަކު ކުރުވި ކަމެއް ކަމަށް މުސްލިމުން ދެކެއެވެ. ނަމަވެސް ޤިބްތީ ފާދިރީން މިކަން ދޮގުކުރެއެވެ. -- ބީ.ބީ.ސީ