މަތީ ސާނަވީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަށް މެޕްސް ކޮލެޖުން ތިން ބެޗްލާސް ޑިގްރީ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

އަންނަ ޖޫން އިންޓޭކުގައި މެޕްސް ކޮލެޖުގައި މުޅިން އަލަށް ފަށަން ނިންމާފައިވާ އެ ކޯސްތަކަކީ ބެޗަލާސް އޮފް އާޓްސް އިން އެޑިއުކޭޝަން (އިކޮނޮމިކްސް) އާއި ބެޗަލާސް އޮފް އާޓްސް އިން އެޑިއުކޭޝަން (އެކައުންޓިންގް) އަދި ބެޗަލާސް އޮފް އާޓްސް އިން އެޑިއުކޭޝަން (ބިޒްނަސް ސްޓަޑީޒް) އެވެ.

މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރު އަބްދުލް އަޒީޒް އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ، ގްރޭޑް 11 އަދި ގްރޭޑް 12ގައި ކިޔަވައިދެއްވާ ޓީޗަރުން ތަމްރީންކުރުމަށް ހާއްސަކޮށްގެން ތައްޔާރުކުރި އެ ޕްރޮގްރާމްތަކަކީ ރާއްޖެ އާއި އަދި ރާއްޖެ އިން ބޭރުގެ ކޮންސަލްޓަންޓްޓުންގެ އެހީއާ އެކު ތައްޔާރު ކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.

"މި ޕްރޮގްރާމްތަކަކީ ސްޕެޝަލައިޒްވާ މާއްދާއަކުން އެކަށީގެންވާ ނޮލެޖް އަދި ކޮންސެޕްޓްތައް ވަރަށް ތަފްސީލުކޮށް ކިޔަވައިދެވި އަދި މި ކޮންސެޕްޓްތައް ކިޔަވައިދެވޭނެ ހުނަރު ދަސްކޮށްދިނުމަށް ތައްޔާރު ކުރެވިފައިވާ ޕްރޮގްރާމެއް،" މެޕްސްގެ ޑެޕިއުޓީ ރެކްޓަރު ވިދާޅުވި އެވެ.

އަށް މޮޑިއުލް ހިމެނޭ އެ ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ސެކަންޑަރީ ސްކޫލްތަކާއި ހަޔާ ސެކަންޑަރީ ސްކޫލުތަކުން ހާސިލްކުރާނެ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަތީ ތައުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 17 އަހަރު ވެފައިވާ އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސްމާޓް ކުލާސްރޫމްތަކުގައި ކިޔަވައިދޭ މެޕްސް ކޮލެޖުގެ ގިނަ ކޯސްތަކަކީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ކޯސްތަކެވެ.

އެގޮތުން، އަންނަ ޖޫން އިންޓޭކަށް ސެޓްފިކެޓް ލެވަލް އިން ފެށިގެން މާސްޓާޒް ފެންވަރާ ހަމައަށް ކިޔެވުމަށް 50 އަށް ވުރެ ގިނަ ކޯހަށް ވަނުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ ހުޅުވާލާފަ އެވެ. އެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 31 މެއި 2016 ވަނަ ދުވަހެވެ.