ކޮންމެ އަހަރަކު އެއް ފަހަރު އަންނަ ވިޔަފާރީގެ އީދު ކަމަށްވާ "ނައިޓް މާކެޓު" ޒަމާނުއްސުރެ މަޝްހޫރުވެފައި ވަނީ "އުނގުޅޭ" ބާޒާރުގެ ގޮތުގަ އެވެ. ނަމަވެސް މިފަހަރުގެ ބާޒާރުގައި އެފުރުސަތު ނުދޭނެ ކަމަށް އެބާޒާރު އިންތިޒާމް ކުރާ ފަރާތުން މިވަނީ ބުނެފަ އެވެ.

މާކެޓު އިންތިޒާމްކުރާ، މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރު(އެމްއެމްއޭސީ)ގެ ޗެއާމަން، އަލީ އަބްދުލްކަރީމް (ރުކުމާ) ވިދާޅުވީ އެފަދަ ގޯނާތަކުން ސަލާމަތްކުރުމަށް ޓަކައި 13 މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށެވެ. އެފަދަ ގޮތްގޮތަށް އަމަލުކުރާ ފަރާތްތައް ހުއްޓުވައި އެ މައްސަލަތައް ބެލުމަށް ހާއްސަ ތަނެއް ވެސް ގާއިމްކޮށްފައިވާކަމަށް ވިދާޅުވި އެވެ.

"އެކަހަލަ ކަންކަން ހުއްޓުވުމަށް ބަޔަކު ހަރަކާތްތެރިވާނެ، 13 މީހުންގެ ޓީމެއް އުޅޭނެ އެކަހަލަ ކަންކަން ހުއްޓުވުމަށް،." ރުކުމާ ވިދާޅުވި އެވެ.

ނޭދެވޭ އަމަލުތައް ހުއްޓުވުމަށް ދިވެހި ސެކިއުރިޓީ ޕައިނިއަރސްގެ ސެކިރުރިޓީންނާއި 40 ފުލުހުން ކޮންމެ ރެއަކު ވެސް ހަރަކާތްތެރިވާނެ ކަމަށް ރުކުމާ ވިދާޅުވި އެވެ.

ހަމައެއާ އެކު ބާޒާރު ބާއްވާ ހުރިހާ ސަރަހައްދެއްގައި ކެމެރާއަޅާފައިވާ އިރު ނޭދެވޭ އަމަލުތައް ހިންގާތޯ ފުލުހުންގެ ކެމެރާތަކުން މޮނީޓާ ކުރަމުންދާނެ ކަމަށް ވެސް ރުކުމާ ވިދާޅުވި އެވެ.

ބާޒާރުކުރަންދާ ފަރާތްތަކާއި ޖިންސީ އަދި އެހެނިހެން ގޮތްގޮތުން ވެސް ގޯނާ ކުރަމުންދާކަމަކީ ކޮންމެ އަހަރަކު ވެސް ފާހަގަކުރެވޭކަމެކެވެ. އެކަމުގައި އެންމެ ބޮޑަށް ހިމެނެނީ ބިދޭސީންނެވެ.

އެހެން އަހަރުތަކުގައި ރާޅުގަނޑު ސަރަހައްދުން ލޮނުޒިޔާރަތްކޮޅުގައި ނައިޓްމާކެޓް ބޭއްވި ނަމަވެސް މިފަހަރުގެ ބާޒާރު އޮތީ ކާނިވާ ސަރަހައްދުގަ އެވެ. އެތަނުގައި ވިޔަފާރިއަށް ހާއްސަ 350 ވަރަކަށް މޭޒު މިފަހަރު ބަހައްޓާނެ އެވެ.

މިއަދު ނައިޓްމާކެޓު ފަށާ އިރު މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް މާކެޓް ކުރިއަށްގެންދާނެ އެވެ. ކޮންމެ ދުވަހެއްގެ ވެސް ބާޒާރު ފެށޭނީ ހަވީރު 4:00 ގައެވެ. ރޭގަނޑު 12:00 އަށް ބާޒަރު ނިންމާލާނެ އެވެ. މިފަހަރުގެ މާކެޓްގައި ވެސް ބަދިގޭ ސާމާނާއި ކުޑަކުދިންގެ ކުޅޭ ސާމާނާއި އަންނައުނު އަދި ގޭތެރެ ޒީނަތްތެރިކުރަން ބޭނުންވާ ސަމާނުތައް ލިބެން ހުންނާނެ ކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.