01 May 2016, 13:48
އިނގިރޭސި ޕްރިމިއާ ލީގްގައި ނޯވިޗު ސީޓާ އަތުން 0-1ގެ ނަތީޖާ އަކުން މޮޅުވެ ލީގް ތާވަލުގެ ތިން ވަނަ އަށް ވަގުތީ ގޮތުން އާސެނަލް އަރައިފިއެވެ.
އެ މޮޅާއެކީ އާސެނަލް ލީގުގެ ތިންވަނައިގައި އޮތީ 67 ޕޮއިންޓާއެކު އެވެ. ނަމަވެސް ލީގުގައި މިރޭ ސިޓީ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ، އާސެނަލް ފަހަތަށް ޖައްސާލުމަށް ފަހު ސިޓީއަށް ތިންވަނަ މަގާމު ލިބޭނެއެވެ. ސިޓީ ލީގުގެ ހަތަރުވަނައިގައި އޮތީ، 64 ޕޮއިންޓާއެކުއެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ނޯވިޗު ސިޓީ ކުޅުނު މެޗުގައި އެލެކްސް ސަންޗޭޒް އަތުން ބޯޅަ ހޯދުމަށް ނޯވިޗުގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
އާސެނަލްގެ އަމިއްލަ ދަނޑު އެމަރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފުރަތަމަ ހާފްގައި އާސެނެލް އަށް ވަނީ ނޯވިޗުގެ ގޯލަށް އަމާޒް ކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ. ނަމަވެސް ދެވަނަ ހާފްގެ 56 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރެއްގެ ގޮތުގައި ޑެނީ ވެލްބެކް ކުޅެން ނިކުމެ އޭގެ ތިން މިނެޓް ފަހުން އޮލިވާ ޖިރޫ ތަނަވަސް ކޮށްދިން ފުރުސަތަކުން އާސެނަލް ވަނީ މެޗުގެ ލީޑް ނަގާފައެވެ.
އެ ނަތީޖާގައި އޮވެ މެޗު ކުރިއަށް ދިޔައިރު އާސެނަލްގެ ސަޕޯޓަރުން ވަނީ އެ ޓީމްގެ ކޯޗު އާސެން ވެންގާ ކޯޗުކަމުން ދުރުވުމަށް ގޮވާލައި ބެނާތައް ހިފައިގެން އެ މީހުންގެ ޝުއޫރު ފާޅުކޮށްފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުނީ އޭނާ މަސައްކަތް ކުރަނީ ޓީމުގެ ސަޕޯޓަރުންގެ ހިތް އުފާކޮށްދޭން ކަމަށާއި ނަމަވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނީ އެމީހުންގެ ހިތް ހަމަނުޖެހުމާއި ނުތަނަވަސް ކަން ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި އާސެނަލް އާއި ނޯވިޗު ސިޓީ ކުޅުނު މެޗުގައި އާސެނަލްގެ ސަޕޯޓަރުން އެ ޓީމުގެ ކޯޗު އާސެން ވެންގާއާ ދެކޮޅަށް އަޑު އުފުލަނީ --- ފޮޓޯ: އޭޕީ
"ސަޕޯޓަރުންގެ ފަރާތުން ފެނުނީ އިހުތިޖާޖެއް ކުރިތަން. އަހަރެން މި މަސަތްކަތް ކުރަނީ ސަޕޯޓަރުން އުފާ ކޮށްދިނުމަށް. ނަމަވެސް އެ ކަން އަހަރެންނަށް ހާސިލް ނުވާނަމަ އެކަމާ ވަރަށް ދެރަވޭ. އަހަރެން ކުލަބަށާއި ކުލަބުގެ ނިންމުމަށް އިހުތިރާމް ކުރާނަން،" ވެންގާ ބުންޏެވެ.
ލީގްގައި އާސެނަލް އަށް ކުރިއަށް އޮތީ ވަރަށް ބޮޑު އިމްތިހާނެކެވެ. އާސެނަލް އާއި އެކު ތާވަލުގެ ތިން ވަނަ ހޯދުމަށް މަސަތްކަތް ކުރާ މެންޗެސްޓާ ސިޓީއާ ދެކޮޅަށް އެ ޓީމުގެ އިއްތިހާދު ސްޓޭޑިއަމްގައި ނިކުންނާނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.