އާއިލީ ލޯތްބަކީ ކިހާ ގަދަފަދަ ބާރެއް ހެއްޔެވެ؟ މުޅި އުމުރު ދުވަހަށް ދެމިގެންދާ އެ ލޯބީގައި ބޮޑެތި ގުރުބާނީތަކެއް ވެއެވެ. އެފަދަ ގުރުބާނީތަކުގެ ވާހަކަ އިރުއަރާ، އިރު އޮއްސޭ ކޮންމެ ދުވަހަކު އަޑު އިވެ އެވެ.

މިފަހަރުވެސް ދައްކަން މިއުޅެނީ އެފަދަ ބާރުގަދަ ލޯތްބެއްގެ ވާހަކަ އެވެ. ދައްތައަކު ކޮއްކޮ ދެކެވާ ލޯބީން ވީ ބޮޑު ގުރުބާނީއެއްގެ ވާހަކަ އެވެ. މޮރިޝަސް ގައި ދިރިއުޅޭ އިންޑިއާ އާއިލާއެއްގެ އަށް މަހުގެ ކުޑަ ފިރިހެން ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އޭނާގެ ދައްތަ ވީ ގުރުބާނީގެ ވާހަކަ އެވެ.

އުމުރުން އެންމެ 19 އަހަރުގެ ޕައްލަވީގެ ކޮއްކޮ ކަރްތިކެޔަން އަކީ ފުރަމޭގެ މައްސަލަ ހުންނަ ކުއްޖެކެވެ. ކަރްތިކެޔަން އަކީ, އުފަންވާ ކޮންމެ ލައްކައަކުން އެއް ކުއްޖަކަށް ދިމާވާ ޕްރޮގްރެސިވް ފެމިލިއަލް އިންޓްރާހެޕެޓިކު ކޮލެސްޓާސިސް (ޕީއެފްއައިސީ) ގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ. މިހާތަނަށް އައި އިރު މުޅި ދުނިޔެއިން ވެސް ރިކޯޑު ކުރެވިފައި ވަނީ އޭގެ 300 މައްސަލަ އެވެ.

ޕީއެފްއައިސީގެ ސަބަބުން ފުރަމޭގެ ސެލްތަކުގައި ބައިލް އުފައްދަ އެވެ. އަދި ފުރަމޭ ހަލާކުވެ އެވެ.

ކަރްތިކެޔަން ދިރިހުރުމަށް އޮތް ހަމައެކަނި ފުރުސަކަތީ ފުރަމޭ ޓްރާންސް ޕްލާންޓު ހެދުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެހެންނޫނީ އެއް އަހަރަށް ވުރެ ގިނަ ދުވަހަކު ކަރްތިކެޔަން ދުނިޔޭގައި ނުހުންނާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފަ އެވެ.

ކަރްތިކެޔަންގެ އޮޕަރޭޝަން ކުރި މަނިޕަލް ހޮސްޕިޓަލްގެ ޗެއާމަން އަދި ހެޕަޓޮލޮޖިސްޓު ޑޮކްޓަރާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ކަރްތިކެޔަންގެ ޓްރާންސްޕްލާންޓު ހެދުމަށް އޭނާގެ ދައްތަގެ ފުރަމޭގެ 250 ގުރާމް ވަނީ ނަގާފަ އެވެ.

"އެ ޓްރާންސްޕްލާންޓު ހެދުމަށް އޭނާގެ ދައްތަގެ ފުރަމޭގެ 250 ގުރާމް ނަގާފަ ވާނީ. މިމަހުގެ 21 ވަނަ ދުވަހު ހެދި އެ ސާޖަރީ އަށް 10 ގަޑި އިރު ހޭދަވި. ކަރްތިކެޔަން އާއި އޭނާގެ ދައްތަގެ ހާލު މިހާރު ރަނގަޅު،" ޑރ.އޮލިތުސެލްވަން އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ހަމައެއާއެކު، މީގެ ހަ މަސް ފަހުން ކަރްތިކެޔަން އަށް ބޭސް ދޭން ފަށަން ޖެހޭނެ ކަމަށާއި އުމުރު ދުވަހަށް އޭނާ އެ ބޭސް ބޭނުން ކުރަން ޖެހޭނެ ކަމަށްވެސް ޑޮކްޓަރާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

"އެ ބޭހާ ނުލައި ކަރްތިކެޔަން ދިރިހުންނާނެ ކަމުގެ 10 ޕަސެންޓު ފުރުސަތު އެބަ އޮތް. އެކަމަކު އެކަމަށް ވަރަށް ވަގުތު ހޭދަ ވާނެ، ގާތްގަނޑަކަށް 10 ވަރަކަށް އަހަރު. އެކަމަކު އެއްވެސް ކަހަލަ އުނދަގުލެއް ނުވާނެ. އާދައިގެ ދިރިއުޅުމެއް ކަރްތިކެޔަން އަށްވެސް އުޅެވޭނެ، ސުކޫލަށްވެސް ގޮސް،" ޑރ.އޮލިތުސެލްވަން އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ކަރްތިކެޔަންގެ ބައްޕަ ސަޝޫދޭވް އާ ހަވާލާދީ ހަބަރުތައް ބުނާގޮތުން، ކަރްތިކެޔަންގެ ސާޖަރީ އަށް 11 ލައްކަ ރުޕީސް ވަނީ ހަރަދު ވެފަ އެވެ. އޭގެ ތެރެއިން އަށް ލައްކަ ރުޕީސް މޮރިޝަސްގެ ސަރުކާރުން ވަނީ ދީފަ އެވެ.

"އަހަންނަށް ވަރަށް އުނދަގޫވި. އެހެންނަމަވެސް އެއީ އަހަރެންގެ ފިރިހެން ދަރިފުޅަށް ވީމަ އިތުރު ގޮތެއްވެސް ނެ. އަހަރެން އުޅުނީ ހޮސްޕިޓަލް ކައިރިން ގެއެއް ހިފައިގެން، ދުވާލަކަށް 1500 ރުޕީސް ދައްކައިގެން. ތިން މަސްވެއްޖެ. އެ ގެ ވަރަށް އަގުބޮޑު އެހެންނަމަވެސް އަހަރެން ތިމާގެ މީހުން އަހަންނަށް އެހީތެރިވެދޭ،" ސަޝޫދޭވް އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ކަރްތިކެޔަންގެ ދައްތަ ޕައްލަވީ އާ ހަވާލާ ދީ ހަބަރުތައް ބުނާގޮތުން، ކަރްތިކެޔަންގެ އުމުރުން ފަސް މަހުން ފެށިގެން އޭނާ އަށް ޕީއެފްއައިސީގެ އުނދަގޫތައް ވަނީ ކުރިމަތި ވެފަ އެވެ. އެގޮތުން މޮރިޝަސް ގެ ގިނަ ޑޮކްޓަރުން ތަކަކަށް ކަރްތިކެޔަން ދައްކާފައިވާނޭ ކަމަށްވެސް ޕައްލަވީ އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

"ކޮއްކޮގެ ލޯ ރީނދޫވި، މުޅި ހަށިގަނޑުވެސް ރީނދޫ ވާން ފަށާފައި ހުރީ. އަހަރުމެން ކައިރީ ޑޮކްޓަރަކު ބުނީ، ކޮއްކޮއަށް ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމަށް. ދެން އިންޑިއާ އަށް ދިޔައިމަ ޑޮކްޓަރުން ބުނީ ފުރަމޭ ޓްރާންސްޕްލާންޓް ހަދަން. ކޮއްކޮ ކުޑަވީމަ ފުރަތަމަ ބިރުގަތް. އެކަމަކު ކޮއްކޮގެ ހާލު ރަނގަޅުވީމަ އުފާވޭ،" ޕައްލަވީ އާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާގޮތުން، ފުރަމޭގެ އެއްބައި ނެގުމަށް ތިއޭޓަރަށް ވެއްދި އިރުވެސް ޕައްލަވީ އެއްވެސް ވަރަކަށް ބިރުގެންފައި ނުވެ އެވެ. އެއްވެސް ވަރަކަށް ބިރުގަނޭތޯ ސުވާލު ކުރުމުންވެސް ޕައްލަވީ ބުނީ، އޭނާގެ ކޮއްކޮ އާ ދޭތެރޭ ވިސްނުމުން ބިރު މަތިންވެސް ހަނދާން ނެތިފައިވާ ކަމަށެވެ.

"އަހަރެންގެ ކޮއްކޮ އާ ދޭތެރޭ ވިސްނާލުމުން އަހަރެންގެ ބިރު މަތިންވެސް ހަނދާން ނެތިއްޖެ" ޕައްލަވީ އާ ހަވާލާދީ ހަބަރުތައް ބުނެ އެވެެ.

މައުލޫމާތު: ދަ ނިއު އިންޑިއަން އެކްސްޕްރެސް