09 May 2011, 08:10
ވޮޝިންޓަން : އަލްޤާޢިދާ ޖަމާޢަތުގެ ވެރިޔާ އުސާމާ ބިންލާދިން ހޯދުމަށް ވޭތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި 2 ޓްރިލިޔަން ޑޮލަރު (2 ހާސް ބިލިޔަން ޑޮލަރު) އެމެރިކާ ޚަރަދުކޮށްފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ރިސާޗް ސާވިސް ފައުންޑޭޝަނުން ބުނެފިއެވެ.
ކޮންގްރެސްއިން ހުއްދަދޭ ޚަރަދުތަކާބެހޭ ދިރާސާތައްކުރާ މިފައުންޑޭޝަނުން ބުނިގޮތުގައި ޢިރާޤު ހަނގުރާމައާއި އަފްޣާނިސްތާން ހަނގުރާމައަކީ ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކާ ގުޅިގެން އެމެރިކާ ފެށި ދެ ހަނގުރާމަ ކަމަށް ވާތީ އުސާމާ ބިންލާދިން ހޯދުމުގެ ޚަރަދުތަކުގައި، މިދެޤައުމާ ދެކޮޅަށް އެެމެރިކާ ކުރަމުންގެންދާ ހަނގުރާމައިގެ ޚަރަދުތައް ހިމަނާފައިވާނެ ކަމުގައެވެ.
އުސާމާ ބިންލާދިން ހޯދުމަށް 2 ހާސް ބިލިޔަން ޑޮލަރު ޚަރަދުވި ކަމަށް ބަލާފައިވަނީ ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަށްފަހު ޓެރަރިޒަމްގެ ހުއްޓުވުމުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާ ހިންގަންފެށި ހަނގުރާމަ ކުރުމާއި ތަޅާފޮޅުމުގެ ހަރުކަށި ޢަމަލުތަކަށް ސީދާގޮތެއްގައި މިހާތަނަށް އެެމެރިކާކުރި ޚަރަދުތަކެވެ.
ނުސީދާގޮތުގައި އެމެރިކާ ކުރި ޚަރަދުތައް މީގައި ހިމަނައިފިނަމަ މިޢަދަދު މިއަށްވުރެ އެތަށްގުނައެއް ބޮޑުވެގެންދާނެ ކަމަށްވެސް އެމެރިކާގެ ކޮންގްރެސްގެ ރިސާޗް ސާވިސް ފައުންޑޭޝަނުން ބުނެއެވެ.
ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަށްފަހު ހަނގުރާމައަށާއި ތަޅާފޮޅުމަށް އެެމެރިކާ ކުރަމުން ގެންދާ ޚަރަދުތައް ދިރާސާ ކުރައްވާ އެމެރިކާގެ އިޤްތިސާދީ ޢިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރ ޖޯޒެފް ސްޓިގްލިޓްޒް ވިދާޅުވާގޮތުގައި އެމެރިކާގެ އިޤްތިސާދު އަޑިއަޅާލައި އިޤްތިސާދިގޮތުން ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ އުސާމާ ބިންލާދިންއާއި އަލްޤާޢިދާ ޖަމާޢަތުގެ ފަރާތުން އެެމެރިކާއަށް ކުރިމަތިވަމުންދާ ކަމަށްބުނާ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި އެމެރިކާ ފެށި ހަނގުރާމަތަކެވެ.
ސެޕްޓެމްބަރ 11 އިގެ ޙަމަލާތަކަކީ އަލްޤާޢިދާގެ ޙަމަލާތަކެއް ކަމަށް އެމެރިކާ ބުނިނަމަވެސް މިއީ އެޖަމާއަތަށް ނޫނީ އުސާމާ ބިންލާދިން އަށް ކުރެވޭވަރުގެ ކަމެއްކަމަކަށް ދުނިޔޭގެ ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ.
އަލްޤާޢިދާއަކީ އެމެރިކާއާ ދެކޮޅަށް ބޮންގޮއްވުމުގެ ބައެއް ޙަމަލާތައް ދިނުމުގައި ޙަރަކާތްތެރިވި ޖަމާއަތެކެވެ. ނަމަވެސް މިޖަމާޢަތުގެ ނަމާއި އުސާމާ ބިންލާދިންގެ ނަން ބޭނުންކޮށްގެން ބައެއް އިސްލާމީ ޤައުމުތަކުގައި ހިންގަމުންގެންދާ ބޮންގޮއްވުމުގެ ވަރުގަދަ ހަމަލާތަކަކީ އެމެރިކާއާއި އިސްރާއީލު ބޭނުންވާ އިސްތިޢްމާރީ އަދި ސިޔާސީ މަޤްސަދްތަކެއް ޙާސިލްކުރުމަށް ޓަކައި މިދެޤައުމުގެ ޖާސޫސީ އިދާރާތައް ފަހަތުގައި ތިބެގެން ހިންގަމުންގެންދާ ގޮތްނޭންގޭ ޙަމަލާތަކެއް ކަމަށް ބަލާނެ ޖާގައެބައޮތް ކަމަށް މިކަމާބެހޭ ބައެއް މުޙައްލިލުން ވިދާޅުވިއެވެ.
އުސާމާ ބިންލާދިން އަވަހާރަ ކޮށްލެވިއްޖެ ކަމަށްބުނެ އެމެރިކާ މީގެ ހައެއްކަ ދުވަސްކުރިން ފެތުރި ޚަބަރުތައްވެސް ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. 2006 ވަނަ އަހަރު ތަބީޢީ އަވަހާރަވުމަކުން އޭނާ އަވަހާރަވެފައިވާ ކަމަށް ޕާކިސްތާނުގެ ޖާސޫސީ ބައެއް ފަރާތްތަކާއި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ 2006 ވަނަ އަހަރު ވަރަށް އިތުބަރުހުރި ގޮތެއްގައި ވިދާޅުވެފައިވެއެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް