01 May 2016, 12:55
ބޮލީވުޑުގެ ދެ ތަރިން ކަމުގައިވާ ކަރަން ސިންގ ގްރޯވަރު އަދި ބިޕާޝާ ބާސޫ ކައިވެނިކޮށްފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާގޮތުން، ދެ ތަރިން ކައިވެނިކޮށްފައި ވަނީ އިއްޔެ ހަވީރު މުމްބާއީގެ ސަބާބަން ހޮޓެލްގައި އޮތް ހަފްލާއެއްގަ އެވެ.
ހަފްލާ ބާއްވާފައި ވަނީ ޕަންޖާބީ އަދި ބެންގާލީ ސަގާފަތް އެއްކޮށްލައިގެންނެވެ. އިއްޔެ ހަވީރު ކުރިއަށް ދިޔަ ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ ދެ ފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންގެ އިތުރުން ބޮލީވުޑުގައި ހަރަކާތްތެރިވާ ބައެއް ފަންނާނުންނެވެ.
ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކެއް ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، ޝާހް ރުކް ހާން، ސަލްމާން ހާން، ސަންޖޭ ދަތު، ރަންބީރު ކަޕޫރު، ޝިލްޕާ ޝެޓީ، ޕްރިތީ ޒިންތާ، ސުޝްމީތާ ސެން، އަބީޝެކް ބައްޗަން، އައިޝްވާރްޔާ ރާއީ، ސޯނަމް ކަޕޫރު، ރިތޭޝް ދޭޝްމުކް ފަދަ މަޝްހޫރު ފަންނާނުން ހިމެނެ އެވެ.

ބިޕާޝާ އާއި ކަރަންގެ ކައިވެނީގެ ހަފްލާގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް --
ހަމައެއާއެކު ބިޕާޝާއާ އެކު ފިލްމް "ރާޒް" އިން ފެނިގެން ދިޔަ އޭނާގެ ކުރީގެ ލޯބިވެރިޔާ ޑީނޯ މޯރިއާވެސް ވަނީ ހަފްލާގައި ބައިވެރިވެފަ އެވެ.
މިއީ އުމުރުން 37 އަހަރުގެ ބިޕާޝާގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް މިއީ އުމުރުން 34 އަހަރުގެ ކަރަންގެ ތިން ވަނަ ކައިވެންޏެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ ޓީވީ ބަތަލާ ޝްރައްދާ ނިގަމް އާ އެވެ. ޝްރައްދާ ވަރިކުރުމަށްފަހު ދެން ކައިވެނި ކުރީ އޭނާ އާއެކު ޓީވީ ޑްރާމާ "ދިލް މިލް ގަޔޭ" އިން ފެނިގެން ދިޔަ ޖެނިފާ ވިންގެޓް އާ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ޖެނިފާ އާއެކު ކަރަން ކުރި ކައިވެނި، ރޫޅުނީ މި އަހަރު އެވެ. އެ ކައިވެނި ރޫޅެން ދިމާވި ސަބަބަކީ ބިޕާޝާ އެވެ.
ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެ މީހުން އެކުގައި ފެނިގެން ދިޔަ ފިލްމު "އެލޯން" ޝޫޓު ކުރުމުގެ ތެރޭގައެވެ.