ބަޣްދާދު(މޭ 1): އިރާގުގެ ޝީޢީ މުސްލިމު އިލްމުވެރިއެއް ކަމަށްވާ މުގްތަދާ ސަދުރަށް ތާއިދު ކުރާ ފަރާތްތަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލިހަށް ވަދެ މުޒާހަރާ ކުރަން ފެށުމުން ވެރިރަށް ބަޣްދާދުގައި ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން މަޖިލީހަށް ވަނީ މަޖިލީހުގެ ޖަލްސާއެއް ނެތް ވަގުތެއްގަ އެވެ. އަދި މަޖިލީހަށް ވަނުމުގެ ފަހުން އެމީހުން ވަނީ ގާނޫނު ހަދާ މަޖިލިސް ހުންނަ ގްރީން ޒޯނުގައި މުޒާހަރާ ކުރަން ފަށާފަ އެވެ.

ބަޣްދާދުގެ ގްރީން ޒޯނަކީ އެޝަހަރުގައި ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ ކޮށްފައިވާ ސަރަހައްދެވެ. އެސަރަހައްދުގައި ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ބޮޑުވަޒީރުގެ އޮފީހާއި ބޭރު ގައުމުތަކުގެ އެމްބަސީތައް ހުރެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެސަރަހައްދުގައި ސަލާމަތީ ފަރާތްތަކުން ހަރާކާތްތެރިވި ނަމަވެސް، މުޒާހަރާ ކުރާ މީހުން ހުއްޓުވަން ސަލާމާތީ ފަރާތްތަކުން މަސައްކަތްކޮށްފައި ނުވެ އެވެ.

އިރާގުގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިސްލާހު ކުރުމަށް ގޮވާލައި ސަދުރާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން މުޒާހަރާ ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް، ވެރިކަމުގެ އިސް މަގާމުތަކަށް ވަކި ޕާޓީއަކަށް ތާއިދު ނުކުރާ ފަރާތްތަށް އައްޔަން ކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ވަނީ ތަކުރާރުކޮށް ލަސްކޮށްފަ އެވެ. (އަލްޖަޒީރާ)