01 May 2016, 11:51
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހެޅުނު މައްސަލަތަކަށް ވުރެ އިތުރުވެއްޖެ އެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ އަށް ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 4820 މައްސަލަ ހުށަހެޅިފައި ވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރު ގައި 5225 މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅު މައްސަލަތައް15ޕަސެންޓު އިތުރުވެފައި ވާއިރު މެޖިސްޓްރޭޓް ކޯޓުތަކަށް ހަތަރު ޕަސެންޓު މައްސަލަ އިތުރަށް ހުށަހެޅިފައިވެ އެވެ.
ޑީޖޭއޭ އިން ބުނީ މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން މައްސަލަތައް ހުށަހެޅިފައިވަނީ އައްޑު އަތޮޅު ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކަށް ކަމަށެވެ.
ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެފައި ވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އަށް ޕަސެންޓު އިތުރުވެފަ އެވެ.
ދެހާސް ފަނަރަވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 5301 މައްސަލަ ނިންމާފައި ވާއިރު މި އަހަރު 5725 މައްސަލަ ނިންމާފައިވެ އެވެ. މާލޭގެ ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ނިންމި މައްސަލަތަކުގެ އަދަދު ދަށްވި ކަމުގައި ވީނަމަވެސް، ސިވިލް ކޯޓުގައި ނިންމި މައްސަލަތަކުގެ އަދަދު12ޕަސެންޓު، ފެމިލީ ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ހަތް ޕަސެންޓު އަދި ޑްރަގް ކޯޓުން ނިންމި މައްސަލަތަކުގެ 29 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
ޑީޖޭއޭ އިން ބުނީ ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ދަށްވެފައިވަނީ ކްރިމިނަލް ކޯޓު ހިންގަމުން އައި އިމާރާތް އައު އިމާރާތަކަށް ބަދަލު ކުރުމާގުޅިގެން ދިމާވި ސަބަބު ތަކަކާ ގުޅިގެން ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުވެނައިލް ކޯޓުގައި ނިންމި މައްސަލަތަކުގެ އަދަދު އުޅެނީ އެއްވަރެއްގަ އެވެ.
މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މަސައްލަތަކުގެ އަދަދަށް ބަލާއިރު 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 16 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މެޖިސްޓްރޭޓު ކޯޓުތަކުން 3119 މައްސަލަ ނިންމާފައިވާއިރު 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 3632 މައްސަލަ ނިންމާފައިވެ އެވެ. 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން މައްސަލަތައް ނިންމާފައިވަނީ ހދ އަތޮޅުގައެވެ. އެއީ 468 މައްސަލަ އެވެ. ދެވަނައަށް އެންމެ ގިނައިން މައްސަލަ ނިންމާފައި ވަނީ އައްޑު އަތޮޅުގައެވެ. އެއީ 390 މައްސަލައެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 21 ޕަސެންޓު ދަށް ކުރެވިފައިވެ އެވެ. 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 8493 މައްސަލަ ނުނިމި ހުރި އިރު 2016 ވަނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު 6674 މައްސަލައަށް ވަނި ތިރި ކުރެވިފަ އެވެ.
ޑީޖޭއޭ އިން ބުނީ 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު އަދި 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ގައިވެސް ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން ކޯޓުތަކުގައި މައްސަލަތައް ނިންމާ މިންވަރު (ކްލިއަރެންސް ރޭޓް) 110 ޕަސެންޓުގައި ހިފެހެއްޓިފައިވާ ކަމަށެވެ.