އީޔޫ (މޭ 1): ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ 28 ގައުމުތަކުގައި ރޯމިންގެ އަގު 75 ޕަސެންޓް އަގުހެޔޮކޮށްފި އެވެ.

ޔޫރަޕުގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ ފަރާތްތަކުން ޑޭޓާ ބޭނުން ކުރުމަށާއި އަމިއްލަ ގައުމަށް މޯބައިލް ފޯނުން ގުޅުމަށާއި މެސެޖު ކުރުމަށް އިތުރަށް ޗާޖު ކުރާ މިންވަރު އެއްކޮށް ކަނޑާލުމުގެ ގޮތުން ޔޫރަޕިއަން ޕާލެމެންޓުން ދަނީ ރޯމިން ހިދުމަތުގެ އަގު ހެޔޮ ކުރަމުންނެވެ.

ޔޫރަޕިއަން ކޮމިޝަނުން ވަނީ ރޯމިންގެ ހިދުމަތް ބޭނުން ކުރުމުން އިތުރަށް ޗާޖު ކުރާ މިންވަރު އެއްކޮށް ކަނޑާލުމަށް ފަހު، އީޔޫގެ ހުރިހާ ގައުމުތަކުގައި ވެސް ރޯމިންގެ ހިދުމަތަށް ޗާޖު ކުރާ މިންވަރު 15 ޖޫން 2017 އަންނަންވާ އިރަށް އެއް މިންވަރަކަށް އަގުހެޔޮ ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ ކުރިން ޔޫރަޕުގައި އެއްގައުމުން އަނެއް ގައުމަށް ގުޅައިގެން ހޭދަވާ ކޮންމެ މިނިޓަކަށް ފޯނު ކުންފުނިތަކުން 0.22 ޑޮލަރު ޗާޖު ކުރެ އެވެ. އީޔޫއިން މިހާރު ގެނައި ބަދަލާއެކު ފޯނު ކުންފުނިތަކަށް ޗާޖު ކުރާ މިންވަރު 0.06 ޑޮލަރަށް ދަށްވާނެ އެވެ. (ބީބީސީ)