01 May 2016, 12:04
އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ އަބިޖީތު ބަޓްޗަރްޔާ ރާއްޖެ އަތުވެއްޖެ އެވެ.
ގްރޭންޑް ފިނާލޭގައި ބައިވެރިވެ ދެ ތިން ލަވައެއް ހުށަހަޅައިދިނުމަށް އަބިޖީތު ރާއްޖެ އައިސްފައިވަނީ މިއަދު އެވެ.
ރާއްޖެ އައުމަށްފަހު މޯލްޑިވިއަން އައިޑަލް އަށް ދިން އިންޓަވިއުއެއްގައި އަބިޖީތު ބުނެފައިވަނީ، ރާއްޖެ އާދެވުނީތީ ވަރަށް އުފާވާ ކަމަށާއި ރާއްޖެއަކީ އޭނާ އަންނަން އެންމެ ބޭނުންވާ އެއް މަންޒިލް ކަމަށެވެ. އަދި ދަޢުވަތު ލިބޭ ކޮންމެ ފަހަރަކު ރާއްޖެ އަންނަން ތައްޔާރަށްހުރި ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް އެނގިފައި އޮތް ގޮތުން ރާއްޖޭގައި ހުނަރުވެރި ލަވަކިޔުންތެރިން، ހުނަރުވެރިން އެބަތިބި. އަހަރެން މިއައީ އެކަން ބަލަން. އެހެންނަމަވެސް ބައެއް ފަހަރު އަހަރެންވެސް ދަސްކުރަންޖެހޭނެ. ޝޯވ ގައި އަހަރެން ދެ ތިން ލަވައެއް ޕާފޯމްކުރާނަން. އެހެންކަމުން މިއީ އަހަންނަށް ވެސް އޮތް ކުރިމަތިލުމެއް،" އަބިޖީތު ބުނެފައިވެ އެވެ.

ގްރޭންޑް ފިނާލޭއަށް އަބިޖީތު މާލެ އައިސް، އައިއެންއައިއޭގައި --- ފޮޓޯ/ މޯލްޑިވިއަން އައިޑަލް ފޭސްބުކް ޕޭޖް
އޭނާ ބުނީ، އިންޑިއަން އައިޑަލް އެއްގައި މީގެ ކުރިން އެއްވެސް ފަހަރަކު ބައިވެރިވެފައިނުވާ ކަމަށާއި މިއީ ބައިވެރިވާ ފުރަތަމަ އައިޑަލް ކަމަށެވެ.
"ޒަރާސާ ޖޫމްލޫން މޭ" "ތުމް ދިލް ކީ ދަޅްކަން މެ"، "އައި އޭމް ދަ ބެސްޓް" ގެ އިތުރުން "ތުމެ ޖޮ މެނެ ދޭކާ" އަދި "ސުނޯ ނާ ސުނޯ ނާ" ފަދަ ރީތި ލަވަތަކެއް ހުށަހަޅައިދީފައިވާ އަބިޖީތު ލަވަ ކިޔަން ފަށާފައިވަނީ 1970 ވަނަ އަހަރު އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާންގެ "އަޑު" ގެ ގޮތުގައި ގިނަ ބަޔަކުދެކޭ އަބިޖީތު، ޝާހުގެ ފިލްމަކަށް އެންމެ ފުރަތަމަ ލަވައެއް ރިކޯޑް ކޮށްދީފައިވަނީ 1997 ވަނަ އަހަރު އެވެ. އެގޮތުން އޭނާ ވަނީ، ޝާހުގެ މަޝްހޫރު ފިލްމުތައް ކަމަށްވާ، "ބާދުޝާހް"، މެއި ހޫ ނާ،" އަދި "ޗަލްތޭ ޗަލްތޭ" ފަދަ ފިލްމުތަކަށް ލަވަކިޔައިދީފަ އެވެ.
މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއިން ޖާގަ ހޯދާފައިވަނީ ޝަލަބީ އިބްރާހިމް، ލައިޝާ ޖުނެއިދު އަދި މުހައްމަދު އިޝާން އެވެ. ގްރޭންޑް ފިނާލޭއަށް ދިޔަ ބައިވެރިން އިއުލާންކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގައި ބޭއްވި އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެވެ.