ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުތަކުން، ލީގުގެ އެންމެ ކުރީގައި އޮތް ބާސެލޯނާ އާއި، އެތުލެޓިކޯ މެޑްރިޑް އަދި ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި ރެއާލް ބެޓިސް އަތުން 2-0 ލަނޑުން ބާސާ މޮޅުވި އިރު، އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯ އަތުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުންނެވެ. އަދި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވީ 1-0 ލަނޑުންނެވެ.

އެ ނަތީޖާތަކާއެކު 36 މެޗުން ލިބުނު 85 ޕޮއިންޓާއެކު އެއް ވަނައިގައި ބާސާ އޮތް އިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯއަށް ވެސް 36 މެޗުން ލިބިފައިވަނީ 85 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ރެއާލްއަށް ކުޅުނު 36 މެޗުން ލިބިފައިވަނީ 84 ޕޮއިންޓެވެ.

ބެޓިސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ބާސާގެ ގޯލަށް ނުރައްކާ ކުރުމަށް ބެޓިސްއަށް ފުރުސަތެއް ލިބިގެންދިޔަ އެވެ. ރުބެން ކާސްޓްރޯ ދިން ބޯޅައަކުން ޖޮއާކުއިން އުފެއްދި ހަމަލާ، ބާސާގެ ޑިފެންޑަރު ހާވިއާ މަޝަރާނޯ ވަނީ ބްލޮކްކޮށްފަ އެވެ.

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގެ 35 ވަނަ މިނެޓުގައި ބާސާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗްއަށް ކުރި ފައުލަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑަކާއެކު ބެޓިސްގެ ހެއިކޯ ވެސްޓާމަންއަށް ވަނީ ރަތް ކާޑެއް ދައްކައިފި އެވެ. އެ ރަތް ކާޑާއެކު ބެޓިސްއިން މެޗުގެ ބާކީބައި ފުރިހަމަ ކުރަންޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން ބާސާ އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ބާސާއަށް ލީޑު ހޯދައިދިނީ ކްރޮއޭޝިއާ މިޑްފީލްޑަރު ރަކިޓިޗް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެސީ ނަގައިދިން ހުރަސް، ބެޓިސްގެ ޑިފެންޑަރުންނާއި ގޯލްކީޕަރު އަޑަންއަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ލިބުނު ބޯޅައިންނެވެ.

ބާސާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށެވެ. މެޗުގެ 81 ވަނަ މިނެޓުގައި މެސީ ދިން ރީތި ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އުރުގުއޭ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރަޔޯ ވަޔެކާނޯއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން އަޑްރީ އެމްބާބާ އާއި ޖަވީ ގުއެރާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގެ ކުރީކޮޅު އެމްބާބާއަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ، އެތުލެޓިކޯގެ ގޯލްކީޕަރު ޖެން އޮބްލަކް މަތަކުރިއިރު، ގުއެރާއަށް ލިބުނު ބޯޅައިން މާ ބޮޑު ނުރައްކަލެއް އުފެއްދޭ ގޮތެއް ނުވި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހުމަށްފަހު އެތުލެޓިކޯގެ އެންޓޮއިން ގްރީޒްމަން އުފާފާޅުކުރަނީ: އެ މެޗުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

މެޗުގައި އެތުލެޓިކޯއިން ޖެހި ލަނޑު ފެނިގެންދިޔައީ 55 ވަނަ މިނެޓުގައެވެ. އެތުލެޓިކޯއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވީ ރަޔޯ ގޯލުގެ ތިރީ ކަނަށެވެ.

ރަށުން ބޭރުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި، ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްއިން ރަނގަޅު ކުޅުމެއް ދައްކައި، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ސޮސިއެޑާޑްގެ ގޯލާ އަމާޒުކޮށް ރެއާލްއިން ހަ ހަމަލާއެއް އުފެއްދި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑުޖެހުމަށްފަހު ރެއާލްގެ ގެރެތު ބޭލް އުފާފާޅުކުރަނީ: އެ މެޗުން ރެއާލް މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

ރޭގެ މެޗުގައި ރެއާލްއަށް ލަނޑެއް ކާމިޔާބުކުރެވުނީ މެޗު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ރެއާލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ވޭލްސް ތަރި ގެރެތު ބޭލް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސޮސިއެޑާޑްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.