01 May 2016, 14:19
ބޮލީވުޑުގައި ޖިންސީ ތަފާތު ކުރުންތައް ގެންގުޅޭ ވާހަކައަކީ ބޮލީވުޑުގެ އެތައް އަންހެން ފަންނާނުންނެއް ދައްކާ ވާހަކަ އެކެވެ. އަދި ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ވެސް ޖިންސީ ތަފާތުކުރުން ކަމަށް ގިނަ އަންހެން ތަރިން ބުނެ އެވެ.
ބޮލީވުޑުގައި ގެންގުޅޭ ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުން އެންމެ ފަހުން ވާހަކަދައްކާފައި ވަނީ ތަފާތު ރޯލުތަކުން ފެނިގެންގޮސްފައިވާ ކުޅަދާނަ އެކްޓްރެސް ކަލްކީ ކޮޗްލިން އެވެ.
ޓައިމްސް އޮފް އިންޑިއާ އަށް ކަލްކީ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ "ކުއީން" އަދި "ޕީކޫ" ފަދަ އަންހެނުންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ފިލްމުތަކަށް ތައުރީފުކޮށްފަ އެވެ.
ނަމަވެސް ބޮލީވުޑުގައި ކުރާ މަސައްކަތަށް ފިރިހެން ފަންނާނުންނާ އެއްވަރަށް އަންހެން ފަންނާނުންނަށް އާމްދަނީ ލިބުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމަށް ވަނީ ބުނެފަ އެވެ.

ކަލްކީ ކޮޗްލިން ---
"ބޮލީވުޑުގައި ފިރިހެން ފަންނާނުންނަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނީ ޕްރިޔަންކާ ޗޯޕްރާ ނަމަ،" ކަލްކީ ބުނެފައިވެ އެވެ.
ކަލްކީ ބުނީ ބޮލީވުޑަކީ ވެސް "މުޅި އިންޑިއާ ކަހަލަ"، ހުރިހާ ކަމެއްގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭނީ ފިރިހެނުން ކަމަށާއ، ގޮތް ނިންމުމާ ހުރިހާ ކަމެއްވެސް ކުރަން ޖެހޭނީ ފިރިހެނުން ކަމަށް ގަބޫލުކުރާ ތަނެއް ކަމަށެވެ.
"އަހަންނާ އެއްފަހަރަކު ދިމާވި ޕްރޮޑިއުސަރަކު އަހައިފި އަހަރެންގެ އުމުރު. އަހަރެން ބުނެފިން 30 އަހަރޭ. ބުނީމަ އޭނާ ބުނީ އަދި ހާސްވާނެ ކަމެއް ނެތޭ، އިތުރު ފަސް އަހަރު އެބަ އޮތޭ. އެހެން ޕްރޮޑިއުސަރަކު އަހަރެންގެ މޫނުން ދައްކައިފި ސާޖަރީ ހަދަން ޖެހޭ ތަނެއް،" ނުރުހުންވެފައި ހުރެ ކަލްކީ ބުންޏެވެ.
"މާގަރީޓާ ވިތު އަ ސްޓްރޯ"ގައި ކަލްކީ ދައްކުވައިދީފައިވާ މޮޅު އެކްޓިން އަށް މި އަހަރު ކުރީކޮޅު ވަނީ ގައުމީ އެވޯޑުވެސް ލިބިފަ އެވެ. އެ ފިލްމުގައި ކަލްކީ އަދާކޮށްފައި ވަނީ ސެރެބްރަލް ޕޯލްސީ ހުންނަ މީހެއްގެ ރޯލެވެ.

މާގަރީޓާ ވިތު އަ ސްޓްރޯ ގެ މަންޒަރެއްގައި ކަލްކީ: އެ ފިލްމުން އޭނާ ވަނީ އެވޯދު ހޯދާފައި --
އޭގެ ފަހުން ފިލްމު "ވެއިޓިންގް"ގައި ވެސް އޭނާ މޮޅު އެކްޓިންގްއެއް ދައްކުވައިދީފައިވާ އިރު، އެ ފިލްމުން ވެސް އޭނާ އެވޯޑު ގެންދާނެ ކަމަށް ލަފާކުރެވެ އެވެ.