މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) އިން ވިއްކަމުން އަންނަ ޔަންމާ ބްރޭންޑްގެ އިންޖީނަށް ހާއްސަކޮށް "ސާބަސް ޔަންމާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އެ ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އިންޖީނު ބައްލަވައިގަތުމަށް 10 ޕަސެންޓް ޑިޕޮސިޓް ފީ ދައްކާ ފަރާތްތަކަށް 100،000 އާއި 200،000 އާއި ދެމެދުގެ އަގުހުރި ސާމާނު ލިބޭނެ ކަމަށެވެ. ޕްރޮމޯޝަން ކުރިއަށްދަނީ މިއަދުން ފެށިގެން މި މެއިމަހުގެ ނިޔަލަށެވެ.

އެގޮތުން އޮޑިދޯނިފަހަރަށް ބޭނުންވާ ސާމާނާއި އިންޖީނަށް ބޭނުންވާ އެހެނިހެން ސާމާނު ލިބޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އޭގެތެރޭގައި ޖީޕީއެސްއާއި ފިޝްފައިންޑާ، ހުންގާނު ސިސްޓަމް އަދި ކާސްޓްރޯލް އަޑީތެލުގެ އިތުރުން އެހެނިހެން ސާމާނު ވެސް އޭގެތެރޭގައި ހިމެނޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެ މުއްދަތުގެ ތެރޭގައި އިންޖީނު ގަތުމަށް 10 ޕަސެންޓް ޑިޕޮސިޓް ފީ ދައްކައި، މިއަހަރު ނިމުމުގެ ކުރިން އިންޖީނު ގަންނަ ފަރަތްތަކަށް ވެސް އެ ފުރުސަތު ލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ. އެ ޕްރޮމޯޝަންގެ ދަށުން 78 ހޯސްޕަވަރުގެ އިންޖީނުން ފެށިގެން 829 ހޯސްޕަވަރާ ދެމެދުގެ ޔަންމާ އިންޖީނު ލިބޭނެ އެވެ.

ރާއްޖޭގެ ދޯންޏެއްގައި އެންމެ ފުރަތަމަ އެޅި އިންޖީނުގެ ފަހުރާއެކު، 40 އަހަރަށްފަހު މިއަދާ ހަމައަށްވެސް މަސްވެރިންނާ އޮޑިވެރިންގެ މެދުގައި އެންމެ މަގުބޫލު އިންޖީނުގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ޔަންމާ އިންޖީނެވެ.