01 May 2016, 11:01
ކުރިއަށް އޮތީ މާތް ވެގެންވާ ރަމަޟާން މަހެވެ. މަތިވެރިވެގެންވާ އެ މަހުގައި އަޅުކަން ކުރުމާ އެކު ދެން އެންމެ އިސްކަމެއްދޭ އެއް ކަމަކީ މީރު ކާނާ ތައްޔާރު ކުރުމެވެ.
ބާޒާރުތައް ތިޔާގިވާ އެމަހަކީ ތަފާތު ވައްތަރުގެ ކާނާތަކަށް ވެސް ވަރަށް ޑިމާންޑު ބޮޑުވާ މަހެކެވެ. އެގޮތުން އެންމެ ޑިމާންޑު ބޮޑު އަދި އެއަކާ ނުލާ ރޯދަ މަސް ފުރިހަމަ ނުވާ އެކައްޗަކީ ކަދުރެވެ. އާއްމުކޮށް ރޯދަ ވީއްލުމަށް ބޭނުން ކުރާ އެ މޭވާ އަކީ ސިއްހީ ގޮތުން ވެސް އެތައް ފައިދާތަކެއް ލިއްބައިދޭ މީރު މޭވާ އެކެވެ. އެހެންކަމުން ކަދުރުން ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ގިނަ އަދަދަކަށް ފައިބާ އެކުލެވޭ
ފައިބާ އަކީ ފަލަ ބަލި ޖެހުމުންނާއި ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެއާ އެކު، ފައިބާ އަކީ ހިތުގެ ބަލިތަކުން ދިފާއު ކުރުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
ކަދުރުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވެ އެވެ. އެގޮތުން ކަދުރެއްގައި 6.1 ގުރާމް ފައިބާ އެކުލެވޭ ކަމަށް ވެ އެވެ.
ހަށިގަނޑަށް ހަކަތަ ހޯދުމަށް ކަދުރު
ކަދުރުގައި ގުދުރަތީ ގޮތުން ހަކުރު އެކުލެވެ އެވެ. އެހެންކަމުން ކަދުރު ކެއުމުން ހަށިގަނޑުގެ ވަރު ޖައްސަދީ ވަރުބަލިކަން ކުޑަ ކުރުވަ އެވެ.
ގިނަ އަދަދަކަށް ކެލޮރީސް އެކުލެވޭ
ކަދުރުގައި ގިނަ އަދަދަކަށް ކެލޮރީސް އެކުލެވެ އެވެ. އެހެންކަމުން އެއީ ބަރުދަން ލުއި ކުރުމަށް ބޭނުން ކުރެވިދާނެ މޭވާ އެކެވެ.
ލޭގެ ޕްރެޝަރު ދަށްކޮށްދޭ
ކަދުރުގައި ގިނަ އަދަދަކަށް މެގްނީސަމް އާއި ޕޮޓޭސިއަމް އެކުލެވެ އެވެ. މެގްނީސިއަމް އަކީ ލޭގެ ޕްރެޝަރު ދަށް ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ޕޮޓޭސިއަމް އަކީ ވެސް ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތުގެ ހިނގުން ރަނގަޅު ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.