01 May 2016, 10:09
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ގާނޫނީ ވަކީލުންނާއި ނޫސްވެރިން ގުޅިގެން އާންމު ފޯރަމެއް ބާއްވައިފި އެވެ.
ސޯލްޓް ކެފޭ ކޮންފަރެންސް ހޯލުގައި ރޭ ބޭއްވި އެ ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ހަވީރުގެ ކުރީގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދާއި ވީމީޑިއާގެ ނިއުސް ހެޑް އިމާދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން އާއި ގާނޫނީ ވަކީލު ސަފާ ޝަރީފެވެ.
އެބޭފުޅުންގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ މައްޗަށެވެ. އެ ބިލު މަޖިލީހުން ފާސްކޮށް، ތަސްދީގުކޮށްފި ނަމަ، ނޫސްވެރިންނަށް ދިމާވާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފޯރަމްގެ ޕެނަލިސްޓުން ވާހަަކަފުޅު ދެއްކެވި އެވެ.
އެ ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަފާ ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން ފޭސްބުކްގައި ނުވަތަ ޓުވިޓާގައި ބުނާ އެއްޗަކީ ރަނގަޅު ނިޔަތެއްގައި ބުނި އެއްޗަކަށް ވިޔަސް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކުރި ކަމަށް ބަލައި އެ މީހަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށެވެ.
"މި ބިލު ބުނާ ގޮތުން ވެއްޖިއްޔާ ނިޔަތެއް މުހިންމެއް ނޫން. އަސްލު ހަގީގަތުގައި އޭނާ (ޓުވިޓާ/ފޭސްބުކް)ގައި ޕޯސްޓް ކުރާ އެއްޗަކީ މީހުންނަށް އަންގަން ކަނޑުފޭރޭ ބަޔަކު އެބަ އުޅޭކަން. އެއީ ރަނގަޅު ނިޔަތެއްގައި ކުރާކަމަކަށް ވެދާނެ. ނަމަވެސް މި ބިލު ބުނާ ގޮތުންވެއްޖެއްޔާ ނިޔަތެއް މުހިންމެއް ނޫން. އޭނަ އެ ކުރި ކަމަކީ ސިޔާދަތަށް އުނިކަމެއް އަންނަ ކަމެއް ކަމުގައި ބަލައި ކުށްވެރި ކުރެވިދާނެ،" ގާނޫނީ ވަކީލް ސަފާ ވިދާޅުވި އެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވީމީޑިއާގެ ނިއުސް ހެޑް އިމާދު ލަތީފު ވިދާޅުވީ ނޫސްވެރިންގެ އުފެއްދުންތަކުގެ ފެންވަރު ދަށްވެ، ނޫސްވެރިންނާ މެދު ދެކެމުންދާ ގޮތް އެހެން ގޮތަކަށް ބަދަލުވަމުންދާ ކަމަށް އިޝާރާތްކޮށް ވާހަކަފުޅު ދެއްކެވި އެވެ. އެހެންކަމުން އެކަންތައް އެގޮތަށް ވިޔަނުދިނުމަށް ޓަކައި ނޫސްވެރިން އަމިއްލައަށް އޮޑިޓެއް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މިހާރު ކުރިމަރިވަމުންދާ ގޮންޖެހުންތަކުގެ ހައްލު ހޯދުމަށް އޮތް މަގަކީ ކޮބައިތޯ ނޫސްވެރިޔަކު ޕެނަލިސްޓުންނާ ސުވާލު ކުރުމުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެ ހައްގު ހޯދަން "މަގުމަތި ނޫން ތަނެއް ނެތް" ކަމަށެވެ.
ނޫސްވެރިންތަކެއް އިސްނަގައިގެން ބޭއްވި އެ ފޯރަމަށް ރާއްޖޭގެ އެކި މީޑީއާތަކުގެ ނޫސްވެރިން ބައިވެރިވި އެވެ. އަދި އާންމުންގެ ބަޔަކު ވެސް އެ ފޯރަމަށް ދިޔަ އެވެ.