މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ ހައްޖާޖީން، ސައުދީ އަރަބިއްޔާއަށް ގެންގޮސް، އަދި އެނބުރި ރާއްޖެ ގެންނާނެ އެއާލައިނެއް ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ މި އަހަރު އެ ކޯޕަރޭޝަނުގެ ހައްޖު ދަތުރުތައް ވައިގެ މަގުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް މިކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ބީލަމާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް، މެއި މަހުގެ ފަސްވަނަ ދުވަހު އެ ކޯޕަރޭޝަނުގައި އޮންނާނެ ކަމަށާއި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ އެ ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ބީލަން ހުށަހެޅުމުގެފަހު ތާރީޚަކީ މެއި 10 ވާ އަންގާރަ ދުވަސް ކަމަށާއި، ބީލަން ކަރުދާސް ކަނޑާނީ، ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި، އެ ދުވަހު ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

ހައްޖު ކޯޕަރޭޝަނަށް މިދިޔަ އަހަރު ހައްޖު ދަތުރުތައް ވައިގެ މަގުން ކޮށްދީފައި ވަނީ މެގަ މޯލްޑިވްސް އެއާލައިނުންނެވެ.

ހައްޖު ކޯޕަރޭޝަނުން މިފަހަރު ރާއްޖެއިން ހައްޖަށް ގެންދިއުމަށް ލިބިފައި ވަނީ 400 މީހުންގެ ކޯޓާއެކެވެ. އެއީ މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ލިބުނު 800 މީހުންގެ ކޯޓާގެ ދެބައިކުޅަ އެއްބައެވެ. ބާކީ 400 މީހުންގެ ކޯޓާ ވަނީ، މި އަހަރު ހައްޖަށް މީހުން ގެންގޮސްދޭ އަމިއްލަ ފަސް ކުންފުނީގެ މެދުގައި ބަހާލައިފަ އެވެ.