30 Apr 2016, 18:42
އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ޔުނިވާސިޓީގެ ފިރިހެން އަދި އަންހެން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި އެވެ.
ގައުމީ ޔުނިވާސިޓީގައި ރޭ ބޭއްވި އެ ހަފްލާގައި އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުން ހޮވި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އެ ޔުނިވާސިޓީގެ ހެޑް އޮފް ސްޓޫޑަންޓް ސާވިސަސް އައިޝަތު ސުވާދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ޔުނިވާސިޓީގެ ފިރިހެން އަދި އަންހެން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަން
ރޭގެ ހަފްލާގައި ގައުމީ ޔުނިވާސިޓީގެ ފިރިހެން އަދި އަންހެން ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށް، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޖާޒީ ހަވާލުކޮށްފަ އެވެ. ގައުމީ ޔުނިވާސިޓީގެ ފިރިހެން ޓީމު ކޯޗަކަށް ޚާލިދު މުހައްމަދު ހަމަޖެއްސި އިރު، އަންހެން ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ސޮފްވާން އަހުމަދެވެ.
ކޯޗުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ދެ ޓީމަށް ޖާޒީ ހަވާލުކުރުމުގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ވޮލީބޯޅަ ޓީމުގެ ސްޕޮންސަރު، ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. ވީބީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރު އިސްމާއިލް ވަހީދެވެ. އަދި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ރައީސް އަލީ ރަޝީދެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ، މުބާރާތާ ކުރިމަތިލީއިރު އެކި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ކަަމަށާއި އެ އުނދަގޫތަކާއި ގޮންޖެހުންތަކުން އަރައިގަނެ، މުބާރާތަށް ތައްޔާރުވުމަށް ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ.

އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ޔުނިވާސިޓީގެ ފިރިހެން އަދި އަންހެން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި ހަފްލާގައި ދެ ޓީމުގެ ސްޕޮންސަރު، ވީބީ ބްރަދާސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު --- ފޮޓޯ: އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަން
"އެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން އަޅުގަނޑުމެން އިސްކުރީ ބުއްދިވެރިކަން. މަސައްކަތްކުރީ އެހެން ގޮތަކުން ކުރިއަށްދެވޭތޯ. އަޅުގަނޑުމެން ނިސްބަތްވަނީ ކޮން ތަނަކަށްކަން ހަނދާން ކުރަން އެބަޖެހޭ. އަޅުގަނޑުމެން އަޒުމު އާކުރަންވީ ކާމިޔާބާއެކު މުބާރާތް ނިންމާލަން،" އޭނާ ވިދާޅުވި އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން އަންނަ ހޯމަ ދުވަހު ފަށާ އިންޓަ/ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އެ ދުވަހުގެ ރޭ 8:30 ގައި ގައުމީ ޔުނިވާސިޓީގެ ފިރިހެން ޓީމު ނުކުންނަން ޖެހޭނީ ވިލާ ކޮލެޖާ ދެކޮޅަށެވެ.
އެ މުބާރާތުގައި ގައުމީ ޔުނިވާސިޓީގެ އަންހެން ޓީމު ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ނުކުންނަން ޖެހޭނީ ސައިރިކްސް ކޮލެޖާ ދެކޮޅަށެވެ. އިންޓަ/ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގަ އެވެ.