ފިރިހެން ޑިވިޝަނުގައި ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ ކުޅޭ މެޗުން އިންޓަ ކޮލެޖް/ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތް މާދަމާ ފަށާގޮތަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގައި ވިލާ ކޮލެޖާއި ގައުމީ ޔުނިވާސިޓީ ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައެވެ.

އެ މުބާރާތުގައި ފިރިހެން އަދި އަންހެން ޑިވިޝަން، ކޮންމެ ޑިވިޝަނެއްގައި ކޮލެޖް/ޔުނިވާސިޓީގެ ތިން ޓީމެއް ވާދަކުރެ އެވެ. ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަނުގައި ވެސް ވާދަކުރަނީ ވިލާ ކޮލެޖާއި، ގައުމީ ޔުނިވާސިޓީ އަދި ސައިރިކްސް ކޮލެޖެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ކުރީގައި އޮންނަ ޓީމަކަށް އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ލިބޭއިރު، ސެމީ ފައިނަލުގައި ވާދަކުރާނީ ދެވަނަ އަދި ތިންވަނަ ޓީމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަނުގެ ސެމީ ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި ދެ ޑިވިޝަނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.