ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޓެކްސްޓް ބިލްތައް ފާސްކުރުމުން ޑޮލަރުގެ އަގު ވެސް ތިރިވާނެ ކަމަށާއި ތަކެތީގެ އަގު ވެސް ދަށަށް ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޑޮލަރު ވިއްކާ ރޭޓަށް ގެނައި ބަދަލާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީވެ އެ މައްސަލައަށް އަލިއަޅުއްވާލައްވައި އެމްޑީޕީން މިރޭ އާޓްފިޝަލް ބީޗްގައި ބޭއްވި ކުއްލި ޖަލްސާގައި ވާހަކަފުޅު ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ޓެކްސް ބިލްތައް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ތަކެތީގެ އަގުތައް ވަރަށް ބޮޑުތަނުން ދަށަށް ދާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން މި ދަނޑިވަޅުގައި ތަކެތީގެ އަގު ވެސް ބޮޑުވާނެ ކަމަށާއި މިވަގުތު ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށައިގަންނައިރު، ޑޮލަރުގެ ރޭޓްވެސް ބޮޑުވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި އެފަދަ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑޮލަރުގެ ރޭޓް ވެސް ފަށައިގަންނައިރު ބޮޑުވާނެ. އެހެންނަމަވެސް އަޅުގަނޑުމެން ބަލަން ތިބެންވީ އެނގެންވީ ދެން ވަނީ ކިހިނެއްތޯ. ދެން އިރާދަ ކުރެއްވިއްޔާ ވާނީ ޑޮލަރުގެ އަގު ވެސް ތިރި(ވާނެ) ދެން ހަމަ އެއާ އެކީގައި ތަކެތީގެ އަގުވެސް އަންނާނީ ދަށަށް. އެކަން ކުރުމަށްޓަކާ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތައް ފާސްވާން އެބަޖެހޭ. ޓެކްސް ބިލްތައް ސަރުކާރަށް ލިބެންއެބަޖެހޭ. ޓެކްސް ބިލްތައް ސަރުކާރަށް ލިބުނީމާ. ޓެކްސް ބިލްތައް ސަރުކާރަށް ލިބުނީމާ ވަރަށް ބޮޑުތަނުން، ވަރަށް ބޮޑުތަނުން އަޅުގަނޑުމެންނަށް ދަށް ކުރެވޭނެ،" ޑޮލަރުގެ މައްސަލާގައި ތަކެތީގެ އަގުތައް ތިރި ކުރުމަށް ގޮވާލައި މުޒާހަރާ ކުރިޔަސް ޑޮލަރުގެ އަގު ތިރިނުވާނެ ކަމަށް މިދިޔަ ހުކުރު ދުވަހު ވިދާޅުވުމަށްފަހު، ރޭ އެ ވިސްނުން ބަދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑޮލަރުގެ އަގު ބޮޑު ވުމުން ތަކެތީގެ އަގު ބޮޑުވެ، ދިވެހި ފައިސާގެ އަގު ވެއްޓޭކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި އެ ބީދައިން މިއަދު މަސައްކަތް ކުރަން ޖެހިފައި ވަނީ ދިވެހި ފައިސާގެ އަގު ވަރުގަދަ ކުރަން ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ހަރަދު ކުޑަކޮށް ސަރުކާރުގެ އާމްދަނީ އިތުރު ކުރުމުން ކަމަށް ވިދާޅުވި އެވެ. އެ ގޮތުން މުދަލާއި ހިދުމަތުން ކުރާ ވިޔަފާރިން ޓެކްސްގެ ފައިދާ ސަރުކާރަށް ނަގާނެ ކަށާއި ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ނަގާ ޓެކް ބޮޑު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ 30،000 ރުފިޔާ އެއް މިލިއަން ރުފިޔާގެ އާންދަނީ ލިބޭ ފަރާތްތަކުން ސަރުކާރަށް ޓެކްސް އެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. ނަތީއްޖާއެއްގެ ގޮތުން ދައުލަރުގެ ޖުމްލަ އާމްދަނީ 12 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ބޮޑު މަސައްކަތްތަކެއް 2009 އަހަރާއި 2010 ކުރެވިފައިވާ ކަމަށާއި އެ އަށް ވުރެ ބޮޑަށް ސަރުކާރުގެ ހަރުދު ކުޑަ ނުކުރެވޭނެ ކަމަށް އިޝާރާތް ކުރައްވާ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ ސަރުކާރުގެ ހަރަދު ދެން ކުޑަ ކުރެވެން ނެތް ކަމަށެވެ.

އެމްޑީޕީން ބޭއްވި ކުއްލި ޖަލްސާގައި ޑޮލަރުގެ މައްސަލައަށާއި ބާޒާރުގައި ތަކެތީގެ އަގު ބޮޑުވި މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުން ކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދެއްކެވި އިރު، ރައީސް ކުރިން ވިދާޅުވެފައި ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ކުރިއަށް ގެންދިއުމުގައި ބަޔަކު ކުރާ މުޒާހަރާތަކުން އެކަމަށް ފަސް ޖެވިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބާޒާރުގައި ތަކެތި އަގު ބޮޑު ނުވާ ކަމަށާއި ކުރިން ބާޒާރުގައި ތަކެތި ހުރި އަގުތަކަކީ "ހުދުމުހުތާރު" އަގުތަކެއް ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.